އިންޑިއާއިން ރާއްޖެއަށް 1.4 ބިލިއަން ޑޮލަރު ކްރެޑިޓް ފެސިލިޓީއެއް ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ. އިންޑިއާއިން މިކަން އިއުލާންކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ޤައުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.
ދެ ޤައުމިގެ ދެމެދުގައި ބޭއްވި ރަސްމީ ވާހަތަކަށްފަހު ދެއްވި ގުޅިފައިވާ ބަޔާނުގައި މޯދީ ވިދާޅުވީ ރާޢްޖެއަށް 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދޭން ނިންމާފައިވަނީ ރާޢްޖޭގެ ބަޖެޓަށް ދިމާވެފައިވާ ދަތިކަމަށް ދެއްވި އެހީއެއްގެ ގޮތުގައިކަމަށެވެ. އަދި އިޖުތިމާއި އަދި އިގްތިސާދީ ކަންކަމަށްވެސް މި އެހީ ބޭނުންކުރެވޭއިރު މި އެހީގެ ތެރެއިން ފައިސާ ބަދަލުކުރުމުގެ ކަންކަންވެސް ކުރިޔަށް ގެންދާނެކަމަށްވެސް މޯދީ ވިދާޅުވިއެވެ.
ރާއްޖޭއަށް ދޭ އެހީގެ އިތުރުން އިންޑިއާގެ ޔުނިވަސިޓީތަކުން ކިޔެވުމުގެ 1،000 ފުރުސަތު ދިވެހިންނަށް ފަހިކޮށްދެއްވަން ނިންމަވާފައިވާ ކަމަށްވެސް މޯދީ ވިދާޅުވިއެވެ.
ރާއްޖެއާއި އިންޑިއާގެ ގުޅުން ރަގަޅުވެފައިވަނީ އަވައްޓެރި ޤައުމެއްގެ ގޮތުގައި އޮތުމުން އެކަނި ނޫންކަމަށާއި ދެ ޤައުމުގެ ގުޅުން ބަދަހިވެފައިވަނީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ތާރީހާ ސަގާފަތާއި ވިޔަފާރި އާއި އިޖްތިމާއި ގުޅުމުގެ ސަބަބުންކަމަށްވެސް ނަރަންދުރަ މޯދީ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޑިމޮކްރަސީ އިތުރު ހަރުފަތަކަށް ގެންދިޔުމަށް ވެދެންވެން އޮތް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދާނެކަމަށާއި އިބްރާހީމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމަކީ ޑިމޮކްރަސީގައި ގެންނަން ބޭނުންވާ ބަދަލު ގެނައުމަށް އެޅިގެން ދިޔަ މުހިއްމު ފިޔަވަޅެއްކަންވެސް މޯދީ ފާހަގަކުރެއްވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވަނީ އެމަނިކުފާނަށް އިންޑިއާއިން ދެންނެވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އިންޑިއާގެ ރައީސްއާއި ބޮޑުވަޒީރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެގެ ވަޑައިގަތުމަށްވެސް ވަނީ ދައުވަތު އަރުވާފައެވެ.
މިއަދު ދެ ޤައުމުގެ މަދުގައި ސޮއިކުރި އެއްބަސްވުންތަކުގެ ސަބަބުން ވޭތުވެދިޔަ ތަނުގައި އިންޑިއާއި ރާއްޖޭގެ ގުޅުން ހީނަރުވެފައި އޮތްނަމަވެސް މި ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރާއްޖެއާއި އިންޑިއާއި ދެމެދު މިއަދު ވަނީ ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.