ޚަބަރު

ސިމެންތި ބަސްތާ ވެއްޓިގެން އަނިޔާވި ކުއްޖާ މަރުވެއްޖެ


ސިމެންތި ބަސްތާ ވެއްޓި އަނިޔާ ލިބިގެން އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާދެމުން ދިޔަ ކުޑަކުއްޖާ މަރުވެޖެއެވެ.

މ. ނަލަހިޔާމަންޒިލް މަތިން ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓިގެން ފަރުވާ ދެމުންދިޔަ ނުވަ އަހަރުގެ އަންހެން ކުއްޖާ މަރުވީ ދާދި ދެންމެއަކު ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އައިޖީއެމްއެޗުން ބުނީ، ކުއްޖާގެ ޙާލު ސީރިއަސްވެ، ރޭވެސް އިތުރު ސާރޖަރީއެއް ކޮށްފައިވާ ކަމަށެވެ. ސިމެންތި ބަސްތާ ބޮލަށްވެއްޓުނު ބަންގްލަދޭޝްގެ ނުވަ އަހަރުގެ އަންހެން ކުއްޖާ އަކީ ފ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތްކުރާ ދެ ޑޮކްޓަރުންގެ ދަރިއެކެވެ.

މި ހާދިސާ ހިނގާފައިވަނީ ޑަބްލިޔު ކޮންސްޓްރަކްޝަނުން މަސައްކަތްކުރަމުން ސައިޓަކުން ސިމެންތި ބަސްތާއެއް ވެއްޓިގެންނެވެ.
ސަރުކާރުގެ އިދާރާތަކުން މިމައްސަލަ ބަލަަން ފަށާފައިވާއިރު، ކުޑަކުއްޖާގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓުނު ޙާދިސާއާއި ގުޅިގެން، ޑަބްލިޔު ކޮންސްޓްރަކްޝަން އިމާރާތް ކުރުމުގެ ހުއްދަތައް މިހާރު ވަނީ ބާތިލްކޮށްފައެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ޑަބްލިއު ކޮންސްޓްރަކްޝަނުން މަސައްކަތް ކުރަމުންދިޔައީ ޤަވާއިދާ ޚިލާފަށް ކަމަށާއި، ހޯދަންޖެހޭ ހުއްދަތައްވެސް ހޯދާފައި ނުވާކަމަށެވެ. އެގޮތުން ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދާ ސައިޓެއްކަން އަންގައިދޭ ބޯޑެއް އެތަނުގައި ޖަހާފައި ހުރިނަމަވެސް އެ ބޯޑަކީ އެމަސައްކަތަށް ދޫކޮށްފައިވާ ބޯޑެއް ނޫންކަމަށާއި، އެއީ މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް މާ ކުރިން ދޫކޮށްފައިވާ ބޯޑެއްކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

ފުލުހުން ބުނީ މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ.