ވިޔަފާރި

ވިލާ އެއަރގެ ދަތުރުތައް ނ.އަތޮޅަށް ފަށަނީ


ވިލާ އެއަރގެ ފްލައިމީގެ ދަތުރުތައް ނ.އަތޮޅު މާފަރު އެއަރޕޯޓަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ފްލައިމީގެ މެނޭޖިން ޑިރެކްޓަރ، ޢަބްދުﷲ ނާޝިދު ވިދާޅުވީ ނ. އަތޮޅަށް ދަތުރުތައް ފަށާއިރު، ނ. އަތޮޅުގެ ރައްޔިތުންނާއި އެއަތޮޅަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފަސޭޙަކަމާއެކު ދަތުރުފަތުރުކުރެވޭނެ އިންތިޒާމެއް ހަމަޖައްސާނެކަމަށެވެ.

ފްލައިމީގެ ދަތުރުތައް ނ. އަތޮޅަށް ފަށާނެ ތާރީޚެއް އިޢުލާންކޮށްފައި ނުވިނަމަވެސް، ވަރަށް އަވަހަށް އޭގެ ތަފްސީލް ހިއްސާކުރާނެކަމަށް ފްލައިމީ އިން ބުނެއެވެ.

ދިހާހެއްހާ މީހުންގެ އަބާދީ އޮންނަ ނ އަތޮޅަކީ ގިނަ ރިސޯޓުތަކެއް އޮޕަރޭޓްކުރަމުންދާ އަތޮޅެކެވެ. އޭގެ ތެރޭގައި ސޮނެވާ ޖާނީ، ސަން ސިޔާމް އިރުފުށި، ވެލާ ޕްރައިވެޓް އައިލެންޑް އަދި ޝެވާލް ބްލާންކް ރަންދެލި ރިސޯޓުގެ އިތުރުން މޫވް އެންޑްޕިކް ރިޒޯޓް ކުރެދިވަރު މޯލްޑިވްސް ހިމެނެއެވެ.

ވިލާ އެއަރއިން މިހާރު ދަނީ އދ. އަތޮޅު މާމިގިލި އެއަރޕޯޓާއި، ބ. އަތޮޅު ދަރަވަންދޫ އެއަރޕޯޓާއި، އައްޑޫ ސިޓީ ގަން އެއަރޕޯޓް އަދި ފުވަމުލައް ސިޓީ އެއަރޕޯޓަށް ދަތުރުތައް ކުރަމުންނެވެ.