ވިޔަފާރި

މިއަހަރުގެ ފަހު ކުއާޓަރުގައި އެމްޓީސީސީއަށް މާލީ ގޮތުން ބޮޑު ގެއްލުމެއް


މިއަހަރުގެ ފަހު ކުއާރޓަރުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއަށް މާލީގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ މިއަހަރުގެ ފަހު ކުއާރޓަރުގައި އެމްޓީސީސީއަށް ލިބިފައިވާ ފައިދާ، އަހަރުގެ އެހެން ދުވަސްތަކާއި އަޅާ ބަލާއިރު ވަރަށް ބޮޑަށް ދަށްވެފައިވާކަމަށާއި މިއީ އެމްޓިސީސީއަށް ލިބުނު ބޮޑު ގެއްލުމެއްކަމަށެވެ.

"ވިޔަފާރީގެ ގޮތުން ދަށްވާ ފަހަރާއި ވަރަށް ބޮޑަށް ފައިދާވާ ފަހަރު އާދޭ. މިއަހަރުގެ އެކި އެކި ކުއާޓާރތަކަށް ބަލާއިރު އެބަހުރި ރަނގަޅު ހިތްހަމަޖެހޭ ކުއާރޓަރުތައް. އެއްބައި ކުއާޓަރުތަކުގައި 127 މިލިއަން ރުފިޔާގެ ފައިދާ. އަނެއް ބައި ކުއާރޓާރުތަކުގައި 180 މިލިއަން ރުފިޔާގެ ފައިދާ. އެހެންނަމަވެސް އެންމެ ފަހު ކުއާރޓަރުގައި ގާތްގަނޑަކަށް 32 މިލިއަނަށް ފައިދާ ވެއްޓުނީމަ އެއީ މިފަދަ ކުންފުންޏަކަށް އަޅުގަނޑުމެން ފަޚުރުވެރިވާންޖެހޭ އަދަދެއް ނޫން. އަޅުގަނޑުމެން ޤަބޫލުކުރާގޮތުގައި މިއީ ފައިދާގެ ގޮތުގައި ވަރަށް ދަށް އަދަދެއް. " ހަސަން ޝާހު ވިދާޅުވިއެވެ.

މިއަހަރުގެ ފަހު ކުއާޓަރުގައި އެމްޓީސީސީގެ ފައިދާ ދަށްވެފައިވާއިރު މިކަން ހިނގައިދިޔައީ އިންތިޚާބުގެ ދުވަސްވަރު ހިނގި ކޮރަޕްޝަނުގެ އަމަލުތަކެއްގެ ސަބަބުންކަމަށް ޝާހު ތުހުމަތުކުރެއްވިއެވެ. އެގޮތުން އެމްޓީސީސީން ކުރިއަށްގެންދިޔަ ބައެއް މަސައްކަތްތަކާ ގުޅޭގޮތުން އޭސީސީން މިހާރު މަޢުލޫމާތު ސާފުކުރަމުންދާކަން ޝާހު ފާހަގަކުރެއްވިއެވެ.

"އެމްޓީސީސީގެ ބައެއް މަސައްކަތްތައް ވެސް އޭސީސީން ބައްލަވަމުން އެބަ ގެންދަވާ. ބައެއް ކަހަލަ ރިސޯސަސް ނުވަތަ އަޅުގަނޑުމެންގެ މެޝިނަރީސްތައް މިސާލަކަށް ދަގަނޑު ހޮޅި ކަހަލަ ފްލަޑް ލައިޓްސްތައް އެއްބައި ރަށްރަށުގައި ފާހަގަކުރެވޭ މިންވަރަށް ބޭނުންކޮށްފައި ހުރީމަ އޭސިސީއަށް ވަނީ ޝަކުވާ ހުށަހަޅާފަ. އޭސީސީން އެދަނީ އެމައްސަލަތައް ބަލަމުން. ހަމައެގޮތަށް ދޯނި ބަނުމަށް އެކި ބޭފުޅުންނަށް އެޑްވާންސްކޮށް ފައިސާ ދީގެން ދީފައިހުރި ފައިސާގެ މައްސަލަތަކާއި ޤަވާއިދާއި ޚިލާފަށް ކޮށްފައިހުރި މައްސަލަތައް ހިމެނޭ. އޭސިސީން ސިޓީތައް ފޮނުވައި މިމައްސަލަތައް ބަލަމުން އެދަނީ" ހަސަން ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޚްގެ އަމާޒަކަށް ވުމާއެކު އެމްޓީސީސީގެ މަސައްކަތް ކުރިއަށްގެންދާނީ ކޮރަޕްޝަނާއި ދުރުވެ، މިހާރު ދިމާވެފައިވާ ކަންތައްތައް ހައްލުކުރުމަށްޓަކައިކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި މި މައްސަލަތައް ހައްލުކޮށް އެމްޓީސީސީގެ މަސައްކަތްތައް ހަރުދަނާކުރާނެކަމަށް ވެސް ޝާހު ވިދާޅުވިއެވެ.