ވިޔަފާރި

ފެރީގެ ދަތުރުފަތުރު ހުއްޓާލުމުގެ ވިސްނުމެއް ނުގެންގުޅެން- އެމް.ޓީ.ސީ.ސީ


ހުޅުލެއާއި ހުޅުމާލޭގައި ދެމުންގެންދާ ފެރީއާއި އެކްސްޕްރެސް ލޯންޗުގެ ޚިދުމަތް ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭކަމަށް، އެމް.ޓީ.ސީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ ފެރީގެ ޚިދުމަތްތައް ރަނގަޅުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ސަރުކާރުގެ ސިޔާސަތެއްކަމުން މިނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެމްޓިސީސީން މަސައްކަތްކުރާނެކަމަށެވެ. އަދި ފެރީގެ ނިޒާމަކީ އާންމުންގެ މެދުގައި މަޤްބޫލު ނިޒާމަކަށް ވުމާއިއެކު ފެރީގެ ނިޒާމު ހުއްޓާނުލައި ކުރިއަށްވުރެ ހަރުދަނާކޮށް ކުރިއަށްގެންދާނެކަމަށް ޝާހު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ފެރީ ދަތުރުތައް އެއްކޮށް ހުއްޓާލުމުގެ ވިސްނުމެއް އަދިއެއް ނުގެންގުޅެން. ކޮންމެ ގޮތެއްވިޔަސް ފެރީގެ ޚިދުމަތެއް މެދެއްނުކެނޑޭނެ. އެއީ މިހެން މިދަންނަވާ ސަބަބަކީ ބައެއް ބޭފުޅުންނަށް ޚަރަދުކުޑަ އަދިވެސް ފެރީގައި ފުރާވަޑައިންނަވަން. މިސާލަކަށް އެއާރޕޯޓަށް ވަޑައިގަންނަވާ ކަމުގައި ވަނީނަމަ ޓެކްސީގައި 25 ރުފިޔާ ދީފައި ފެރީ ޓާރމިނަލްއިން 10 ރުފިޔާއަށް ޓިކެޓެއް ބައްލަވައިގެން ހުޅުމާލެއަށް ދިޔައިމަ ޓެކްސީއެއްގައި ދިއުމަށް ވުރެ އަގުހެޔޮވޭ. އެހެންވީމަ އެޚިދުމަތް އެގޮތަށް ބޭނުންކުރައްވާ ބޭފުޅުންވެސް އެބަތިއްބަވާނެ. ހަމައެގޮތަށް ޚާއްސައެހީއަށް ބޭނުންވާ ނޫނީ ކަނޑުމަގުން ދަތުރުކުރުމަށް ލޯބިކުރައްވާ ބޭފުޅުންވެސް ހަމަ ތިއްބެވި. އެހެންވީމަ އެމްޓީސީސީގެ ވިސްނުމެއް ނެތް އަދި ސަރުކާރުގެ ވިސްނުމެއް ނެތް ކުރިއަށް އޮތް އެއް އަހަރުދުވަހުގެ ތެރޭގައި މި ނިޒާމެއް ހުއްޓުވާކަށް." ހަސަން ޝާހު ވިދާޅުވިއެވެ.

ސިނަމާލޭ ބްރިޖް ހުޅުވުމާއިއެކު އެމްޓިސީސީގެ ފެރީތަކުން ޚިދުމަތް ލިބިގަންނަ މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް މަދުވެފައިވާއިރު، ބްރިޖު ހުޅުވާލުމާއެކު އެމްޓީސީސީއަށް މާލީގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާކަމަށެވެ.

" ހަމައެކަނި އަޅުގަނޑުމެން ފޯކަސް މިކުރަނީ ވިލިމާލެއާއި މާލޭއާއި ހުޅުމާލޭ މާލެ އަދި ހުޅުލެއާއި މާލެއަކަށް ނޫން. އެމްޓިސީސީއަކީ ޓްރާންސްޕޯޓްގެ ޚިދުމަތްތައް މ. ފ . ދ . އަދި ފުވައްމުލައް އައްޑޫ ފިޔަވައި މުޅި ރާއްޖޭގެ ހުރިހާ ރަށްރަށަށް ދަތުރުފަތުރުގެ ޚިދުމަތް ދެމުން އަންނަނީ އެމްޓީސީން. އެހެންކަމުން އެވަރުގެ ބޮޑު ހޭދައެއެކުރަމުންދަނިކޮށް ބްރިޖް ވުޖޫދަށް އައުމާއިއެކު ކުރީގެ 20-ހާސް 21-ހާސް ޕެސެންޖަރުންގެ އަދަދު ގާތްގަނޑަކަށް 5-ހާހަށް ވެއްޓުނު. މިއީ މަހެއްގެ މައްޗަށް 4-މިލިއަން ރުފިޔާގެ ގެއްލުމެއް." ހަސަން ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ އެމްޓީސީސީގެ ދަތުރުފަތުރުގެ ނިޒާމާމެދު ހިތްހަމަނުޖެހި ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް ޝަކުވާ ހުށަހަޅަމުންދާކަމަށެވެ. އެގޮތުން ފެރީ ޓާރމިނަލްގެ ޚިދުމަތްތަކުގެ ފެންވަރު ދަށްވުމާއި ފެރީތަކުގެ ޚިދުމަތް ލަސްވުން ފަދަ ޝަކުވާ ގިނަ ކަމަށް ޝާހު ފާހަގަކުރެއްވިއެވެ. އެހެންކަމުން މިކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރައްވާނެކަމަށް ޝާހު ވިދާޅުވިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު އާންމު ދަތުރުފަތުރުތަކަށް ބްރިޖް ހުޅުވާލުމާއިއެކު ކަނޑުމަގުން ދުއްވާ ފެރީގެ ޚިދުމަތުގެ ޑިމާންޑް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެއާއެކު އެމްޓީސީސީން ވަނީ ހުޅުމާލެއަށް ކުރާ ފެރީ ދަތުރުތަކުގެ އަގަށް ބަދަލު ގެނެސް، ފެރީ ޝެޑިއުލަށްވެސް ބަދަލު ގެނެސްފައެވެ. އަދި އެކުންފުނިން ދެމުންގެންދިޔަ ސައިކަލް ފެރީގެ ޚިދުމަތްވެސް މިހާރުު ވަނީ ހުއްޓާލާފައެވެ.