ޚަބަރު

ޚާރިޖީ ސިޔާސަތުގެ އިސް އަމާޒަކީ ސިޔާދަތު ހިމާޔަތް ކުރުން - ރައީސް


ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސް އަމާޒަކީ، ރާއްޖޭގެ ޤައުމީ ސިޔާދަތު ޙިމާޔަތްކޮށް، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

އިންޑިއާގައި ތިއްބަވާ ދިވެހިންނާ ބައްދަލުކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅުގައި، ވިދާޅުވީ ދޭދޭ ޤައުމުތަކާ އެކު އޮންނަ ގުޅުން އެމަނިކުފާނުގެ ސަރުކާރުގައި ދަމަހައްޓާނީ، ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ނުގެއްލޭނޭ ގޮތުގެ މަތިންކަމަށެވެ. ރައީސް ގެ ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަކީ، ރާއްޖޭގެ ޚާރިޖީ ސިޔާސަ ތުގެ ދެވަނަ ރުކުން ކަމަށް ވިދާޅުވިއެވެ. ރައީސް ޞާލިޙު ވިދާޅުވީ ރަޙްމަތްތެރި ޤައުމުތަކުން، އިޤްތިޞާދީ ގޮތުން ރާއްޖެއަށް ވެދޭ އެހީތެރިކަން، ރާއްޖެއިން އަބަދުވެސް ބަލައިގަންނަނީ ޝުކުރުވެރިކަމާއި އެކުގައި ކަމަށެވެ.

"ދެކުނު އޭޝިޔާގެ ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމަށް މަސައްކަތްކުރުމަކީ ވެސް އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތުގެ އެއް އަމާޒު. އަޅުގަނޑުގެ މި ދަތުރުގައި ވެސް، ސަރަޙައްދީ އެއްބާރުލުމާއި އެކުވެރިކަން އާލާކުރުމާ ގުޅޭ ގޮތުން، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު، އިރާދަކުރެއްވިއްޔާ މަޝްވަރާ ކުރާނަން" ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ރާއްޖެ ފަދަ ކުޑަ ޤައުމެއްގެ ސަލާމަތާއި ރައްކާތެރިކަން، ކަށަވަރުކުރުމުގެ އެންމެ މުހިންމު ވަސީލަތަކީ ،ބައިނަލްއަޤްވާމީ މުޖްތަމަޢާ ގުޅުން ބަދަހިކުރުންކަން ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އެގުޅުން ކެނޑިގެންދާ ފަދަ ކަމެއް އެމަނިކުފާނު ނުކުރައްވާނެ ކަމަށެވެ. ޚާއްސަ ގޮތެއްގައި މި ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އިންޑިޔާއާ އެކު ބަދަހި ގުޅުމެއް އޮތުން ވަރަށް މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

"އެކި ބޭނުންތަކުގައި އިންޑިޔާއަށް ދިވެހިން ދަތުރު ކުރާ ނިސްބަތް، ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު، އެ ގުޅުން ބަދަހިކުރުން ވަރަށް މުހިންމު. އިންޑިޔާގައި ދިވެހީންނަށް ކުރިމަތިވާ އެންމެ ބޮޑު ދައްޗަކީ، ވިސާ ލިބުމުގެ ދަތިކަން. އެކަން އެ ގޮތަށް މެދުވެރިވީވެސް، މިދިޔަ އަހަރުތަކުގައި ރާއްޖޭން ގެންގުޅުނު ޚާރިޖީ ސިޔާސަތު ގެ ދޯހަޅިކަމުގެ ސަބަބުން،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ މި ދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެކަމަށް ވަނީ ވިދާޅުވެފައެވެ.