ވިޔަފާރި

ނޮވެންބަރުމަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 7 އިންސައްތަ އިތުރުވެއްޖެ


2018 ވަނަ އަހަރުގެ ނޮވެންބަރު މަސް ނިމުނު އިރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 7 އިންސަތަ އިތުރުވެފައިވާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.3 މިލިއަނަށްުވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ލިބިފައިވާ މައުލޫމާތާއި، މިނނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ޓޫރިސްޓް ފެސިލިޓީތަކުން ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު 2018 ވަނަ އަހަރުގެ ނޮވެންބަރުމަހު ރާއްޖެއަށް އެއްލައްކަ ފަންސަވީސް ހާސް ހަސަތޭކަ ހަތަރު ފަތުރުވެރިން ޒިޔާރަތްކޮށް، ނޮވެންބަރުމަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވަނީ 1.3 މިލިއަނަށްވުރެ މައްޗަށް ގޮސްފައެވެ.

މިމުއްދަތުގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ޔޫރަޕުންނެވެ. މިގޮތުން މިމުއްދަތުގައި ޔޫރަޕުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ހަ ސަތޭކަ ހާހަށްވުރެ މައްޗަށް ގޮސްފައިވާއިރު، މިއީ 2017 ވަނަ އަހަރުގެ މިމުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންނާއި އަޅާބަލާއިރު 12.5 އިންސައްތަ ކުރިއެރުމެއްކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ތަފާސް ހިސާބުތައް މީޑިއާޔާ ހިއްސާކުރައްވަމުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވާ، ޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރެވޭނީ ހުރިހާ ފަރާތްތަކެއް އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ.

"މި ތަފާސް ހިސާބަށްބަލާ މަހުން މަހަށް، އަހަރުން އަހަރަށް މިކަން އިމްޕްރޫވްކުރަންޖެހޭ ކަންތައްތައް ސަރުކާރާއި އަދި އަޅުގަނޑުމެންގެ އިންޑަސްޓްރީގެ ހުރިހާ ފަރާތްތަކާއި ގުޅިގެން ކުރުން. އެހެންވީމަ އަޅުގަނޑު ޤަބޫލުކުރާގޮތުގައި އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުން ލިބިގެން ރާއްޖޭގެ މި އިންޑަސްޓްރީ ކުރިއަށްދިއުމުގެ އެންމެ ރަނގަޅު ގޮތަކީ. އެހެންވީމަ އަޅުގަނޑުމެން ކުރިން ޕްރެސް ކޮންފެރެންސްގައި ދެންނެވި ގޮތަށް އަޅުގަނޑުމެންގެ ސްޓްރެޓެޖިކް އިންޓަރގްރޭޓެޑް މާސްޓަރ ޕްލޭން އެއީ ސަސްޓެއިނެބަލް ޓޫރިޒަމަކަށް ދިވެހިރާއްޖޭގެ މި ސިނާޢަތް ގެންދިއުމަށްޓަކައި އަޅުގަނޑުމެން އިންޑަސްޓްރީގެ ހުރިހާ އެންމެން އެއްކުޑައެއްގެ ދަށަށް މަޝްވަރާއެއްގެ ދަށަށް ގެނައުމަކީ ސަރުކާރުގެ އަމާޒެއް." މިނިސްޓަރ ވިދާޅުވިއެވެ.

މިދިޔަމަހު ފަތުރުވެރިން ޒިޔާރަތްކުރި ނިސްބަތަށް ބަލާއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އޭޝިޔާ ޕެސިފިކްގެ ޤައުމުތަކުންނެވެ. އެސަރަޙައްދުން ފަސް ސަތޭކަ ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރިއިރު، މިއީ 2017 ވަނަ އަހަރާ އަޅާބަލާއިރު 1.2 އިންސައްތައިގެ ކުރިއެރުމެކެވެ.

ވަކިވަކި މާކެޓްތަކަށް ބަލާއިރު، 2018 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 10 ޤައުމަކީ ޗައިނާ، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް، އިޓަލީވިލާތް، އިންޑިއާ، ރަޝިއާ، ފަރަސްސޭސިވިލާތް، ޖަޕާނު، ޔޫއެސްއޭ، އޮސްޓްރޭލިއާ ހިމެނެއެވެ.
މީގެ ތެރެއިން ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިމުއްދަތުގައި ދަށްވެފައި ވީނަމަވެސް ދެންހުރި މާކެޓްތަކަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

މިގޮތުން ނޮވެންބަރުމަހާ ހަމަޔަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އޮސްޓްރޭލިއާއިން 39.3 އިންސައްތަ، ފަރަންސޭސިވިލާތުން 19.5 އިންސައްތަ، އިތަލީވިލާތުން 18.1 އިންސައްތަ، ރަޝިއާއިން 17.3 އިންސައްތަ، އިނގިރޭސިވިލާތުން 10.1 އިންސައްތަ، ޔޫއެސްއޭއިން 10 އިންސަތަ، އިންޑިއާއިން 7.7 އިންސައްތަ، ޖަރުމަނު ވިލާތުން 3.5 އިންސައްތަ އަދި ޖަޕާނުން 2.4 އިންސައްތަ ވަނީ އިތުރުވެފައެވެ.

އަނެއްކޮޅުން 2018 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ ނިޔަލަށް ރާއްޖޭގައި ފަތުރުވެރިން ބޭތިއްބުމަށް މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވިފައިވާ 44،345 އެނދުގެ ތެރެއިން އެވްރެޖްކޮށް 41،715 އެނދު އޮޕަރޭޓް ކުރެވިފައިވާއިރު، މިމުއްދަތުގައި ރާއްޖޭގެ ފަތުރުވެރިން ހޭދަކޮށްފައިވާ ދުވަހުގެ އަދަދުވެސް ވަނީ 10.4 އިންސައްތަ އިތުރުވެފައެވެ.