ޚަބަރު

މާލޭގައި ޢިމާރާތްކުރުމުގެ ހުއްދަ ދޫކުރުން ވަގުތީގޮތުން ހުއްޓާލައިފި


މާލޭގައި ކޮންސްޓްރަކްޝަންގެ މަސައްކަތްކުރުމަށް ހުއްދަ ދިނުން ވަގުތީ ގޮތުން ހުއްޓާލާފައިވާކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހާމަކޮށްފިއެވެ.

މިނިސްޓްރީގެ ފަރާތުން މިކަން ހާމަކޮށްފައިވަނީ އައިޖީއެމްއެޗުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނެވެ. ކޮންސްޓްރަކްޝަންގެ މަސައްކަތްކުރުމަށް ހުއްދަދިނުން ދެން ކުރިއަށް ގެންދާނީ ޕްލޭނިން މިނިސްޓްރީއާއި، ހައުސިން މިނިސްޓްރީއާއި، މާލެ ސިޓީ ކައުންސިލާއި އަދި ފުލުހުންގެ ޚާއްސަ މަޝްވަރާތަކަށް ފަހު ކަމަށް އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން މާލެސީޓީގެ މެޔަރ ސިފާ މުޙައްމަދު ވިދާޅުވީ ފާއިތުވި 5 އަހަރުގެތެރޭގައި މާލޭގައި ޢިމާރާތްކުރުމުގެ ކަންކަން އެކަށީގެންވާ ގޮތެއްގައި މޮނިޓަރކޮށްފައި ނުވާކަމަށާއި، ޢިމާރާތްކުރުމުގެ ދާއިރާގައި ޢާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެކަށީގެންވާ އިސްކަމެއް ދީފައި ނުވާކަމަށެވެ. އަދި މިހިތާމަވެރި ހާދިސާ ހިނގާފައިވަނީ މާލޭގެ ކޮންސްޓްރަކްޝަންގެ ކަންކަން ހަރުދަނާ ކުރުމަށް ކަމާ ގުޅުންހުރި ދާއިރާތަކާއެކު ބައްދަލުވުމެއް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވަނިކޮށްކަމަށް މާލެ ސިޓީގެ މޭޔަރ ވިދާޅުވިއެވެ.

ޕްލޭނިންގ މިނިސްޓްރީން މާލޭގައި ޢިމާރާތްކުރުމުގެ ހުއްދަ ދޫކުރުން ހުއްޓުވާފައިމިވަނީ މާލޭގައި ހަދަމުންދިޔަ ޢިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި ކުޑަކުއްޖަކު ޒަޚަމްވުމާ ގުޅިގެން، މާލޭ ކޮންސްޓްރަކްޝަން ސައިޓްތަކުގެ ސަލާމަތީ ކަންކަން މިހާރުން މިހާރަށް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެންގެވުމާ ގުޅިގެންނެވެ. އަދި މިކަމާ ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕްލޭނިންގ މިނިސްޓްރީންވަނީ ޢިމާރާތްކުރުމުގެ ގަވާއިދު އިސްލާޙުކޮށް އަދި ޢާއްމުން މިކަމަށް ހޭލުންތެރިކުރުމުގެ މަސައްކަތްކުރާނެކަން ހާމަކޮށްފައެވެ.