ޚަބަރު

ދުރޫޞުލް އަޙްލާޤްގެ އިނގިރޭސި ތަރުޖަމާ ނެރެފި


މަޝްހޫރު ލިޔުންތެރިޔާ އަލްއުސްތާޛް މުޙައްމަދު ޖަމީލް ދީދީ ލިޔުއްވާފައިވާ ދުރޫސުލް އަޙްލާގުގެ އިނގިރޭސި ތަރުޖަމާ މިއަދު ނެރެފިއެވެ.

ދުރޫސުލް އަޙްލާގުގެ އިނގިރޭސި ތަރުޖަމާ ފޮތް ނެރެދެއްވުމަށްފަހު ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވިދާޅުވީ މިފޮތް އިނގިރޭސި އަދި ދިވެހި ބަހުން ނެރެވުމާއެކު މި ފޮތް ކިޔާމީހުން ގިނަވާނެކަމަށެވެ. ދުރޫސުލް އަޙްލާޤް ފޮތަކީ އަޙްލާޤީ އެތައް ފިލާވަޅުތަކެއް ހިމެނޭ ފޮތެއްކަމުން މުޖުތަމައުގެ ހާލަތައް ބަލާއިރު ފިލާވަޅު ލިބިގަނެވޭނެ އެތައް ކަމެއް މި ފޮތުގައި ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިއަދުގެ މުޖްތަމައަށް އަޅުގަނޑު ދަންނަވާނީ ވަރަށް ވަރަށް މުހިންމު ފޮތެކޭ މިއީ. މުޖްތަމައުންވެސް މި ފެންނަނީ ބައިވަރު އަޙްލާގީ މައްސަލަތައް. އެހެންކަމުން މިފަދަ މައްސަލަތަކަށް އަޅުގަނޑުމެންނަށް ޑީލް ކުރުމުގަ މި ފޮތުގަ މި ހުރި ފިލާވަޅުތައް ބޭނުން ކުރެވިގެންދާނެ." އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

ދުރޫސުލްއަޙްލާޤްގެ އިނގިރޭސި ތަރުޖަމާ ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

70 އަހަރު ވެފައިވާ މި ފޮތް އިނގިރޭސި ބަހަށް ތަރުޖަމާ ކޮށްދެއްވީ އިންޓަރނޭޝަނަލް ސެންޓަރ ފޮރ އެންވަޔަރަމަންޓް ޑިވޮލޮޕްމަންޓް އެންޑް އޮޕަރޭޝަނަލް ރިސާރޗްގެ ފަރާތުން ޑރ. ޢަބްދުއްޞައްތާރު ޔޫސުފްއެވެ. މި ފޮތުގެ ސަބަބުން މުޖުތަމައަށް ގިނަ ފައިދާތަކެއް ކުރާނެކަން އޭނާވެސް ވަނީ ފާހަގަކުރެއްވިއެވެ.

"ދުރޫސުލް އަޙްލާޤް" ފޮތް މިއަދު އިނގިރޭސި ބަހަށް ތަރުޖަމާކޮށް ނެރެފައިވާއިރު ފޮތުގެ މުޞައްނިފް އަލްމަރުޙޫމް އަލްއުސްތާޛް މުޙައްމަދު ޖަމީލް ދީދީގެ ދަރިކަލުން ޖާދުﷲ ޖަމީލް ބައިވެރިވެވަޑައިގެންނެވިއެވެ.