ޚަބަރު

ކޮޗިންގެ އެއަރޕޯޓުގައި ތާށިވި ދިވެހިން ރާއްޖެއައުމަށް ފުރައިފި


ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކޮޗިންގެ އެއަރޕޯޓުގައި ރާއްޖެ ނާދެވި ތާށިވި ދިވެހިން މިހާރު ރާއްޖެއައުމަށް ފުރައިފިކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮޗިންއިން ރާޢްޖެ ނާދެވިފައިތިބި 58 ދިވެއްސަކު ރާއްޖެ އައުމަށް މިއަދު ފުރާފައިވާކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ހަވީރު ކޮޗިންގެ އެއަރޕޯޓުން ސްރީލަންކާއަށާއި އައްޑޫސިޓީ ޤައުމަށް ދަތުރުކުރުމަށް ހަމަޖެހިފައި އޮތް ސްރީލަންކަން އެއަރލައިންސްގެ ޔޫ.އެލް 166އަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ނުފުރި ގިނަ އިރުތަކެއް ވަންދެން އެއަރޕޯޓުގައި މަޑުކުރުމަށްފަހު ހޮޓެލަށް ބަދަލުކޮށްފައިވާކަމަށް ފޮރިން މިނިސްޓްރީންވަނީ ބުނެފައެވެ.

އަދި ވީއެންމެ އަވަހަށް ދިވެހިން ޤައުމަށް ފޮނުވުމަށް ކޮޗިންގެ އެއަރޕޯޓާއި ސްރީލަންކަން އެއަރލައިންސް ގުޅިގެން މަސައްކަތްކޮށްފައިވާއިރު ހޮނިހިރު ދުވަހުވަނީ މީގެ ތެރެއިން 4 ދިވެހިން ރާއްޖެ ފޮނުވާފައެވެ. އަދި ބާކީ 58 މީހުން މިހާރު ރާއްޖެއައުމަށް ފުރާފައިވާކަމަށްވެސް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއެވެ. ފޮރިން މިނިސްޓްރީން ބުނީ މިހުރިހާ ފަރާތެއްގެ ޙާލުވެސް ރަނގަޅުކަމަށެވެ.