ވިޔަފާރި

ބަންގްލަދޭޝްއާއެކު ވިޔަފާރީގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި


ބަންގްލަދޭޝްއާއި ރާއްޖޭއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފިއެވެ.

މިމަޝްވަރާ ކުރިއަށްދިޔައީ، ބަނގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހްތަރު ހަބީބް، އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލްގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގެ ތެރެއިންނެވެ.

މި ޒިޔާރަތުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟު އިސްމާއިލްއާއި ބަންގްލަދޭޝް ސަފީރު ވަނީ ރާއްޖެއާއި ބަނގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. ޙާއްސަގޮތެއްގައި ވިޔަފާރީގެ ދާއިރާއިން ދެޤައުމުގެ ގުޅުން ބަދަހިކުރުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ބަންގްލަދޭޝްއާއެކު ވިޔަފާރީގެ ގުޅުން ފުޅާކުރުމަށް މަޝްވަރާކުރައްވާފައިވާއިރު ސަރުކާރުން ދަނީ ދުނިޔޭގެ އެކި ޤައުމުތަކާއެކު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މީގެ އިތުރުން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވިޔަފާރީގެ ދާއިރާއިން ޙާސިލްކުރަން އަމާޒު ހިފާފައިވާ ކަންކަމުގެ ތެރޭގައި ވިޔަފާރިތަކަށް ދަތިވާގޮތަށް ހަދާފައިހުރި ޤާނޫނުތަށް ބަދަލުކުރުމާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަސޭހައިން ލޯނު ލިބޭނެ ބޭންކެއް އުފެއްދުމާއި، މިފަދަ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކުރުމަށް ޙާއްސަ އުސޫލެއް އެކުލަވާލުން ހިމެނެއެވެ.