ޚަބަރު

މަޖިލިސް އިންތިޚާބުގައި ރީ ރަޖިސްޓްރީވާ ފަރާތްތަކުން އިޤްރާރެއްގައި ސޮއިކުރަންޖެހޭނެ - އީސީ


ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް، ރީ ރަޖިސްޓަރ ކުރުމުގެ ފުރުޞަތު ހުޅުވާލާނީ ރިޔާސީ އިންތިޚާބުގައި ރަޖިސްޓަރ ވެފައިވާ ތަން ނޫން އެހެން ތަނެއްގައި ރަޖިސްޓަރ ވާން ބޭނުންވާ ފަރާތްތަކަށް އެކަނިކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އީސީގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރީ ރަޖިސްޓްރީގެ ކަންކަމުގައި ލިބުނު ޝަކުވާތަކަށް ރިޢާޔަތްކޮށް މިފަހަރު ރީ ރަޖިސްޓްރީ ކުރުމުގައި ތަފާތުތަކެއް ގެންނާނެ ކަމަށެވެ. ޝަރީފް ވިދާޅުވީ ވޯޓު ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތް ނޫން އެހެން ފަރާތެއް ފޯމް ހިފައިގެން ވަޑައިގަންނަވާ ނަމަ އެމީހެއްގެ އިޤްރާރަކާއި އެކީގައި ނޫން ގޮތަކަށް ފޯމް ހުށަހަޅައިގެން ނުވާނެ ކަމަށެވެ.

"އެއީ ވޯޓު ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތް ނޫން އެހެން ފަރާތެއް ފޯމް ހިފައިގެން ވަޑައިގަންނަވާ ނަމަ އެމީހާގެ އިޤްރާރަކާއި އެކީގައި އެއީ އެ ފޯމަކީ ސައްޙަ ފޯމެއް ކަމާއި އެ ފޯމަކީ ސައްޙަ ނޫން ފޯމެއްކަން އެއްވެސް ޝަރުޢީ މަރުޙަލާއެއްގައި ނުވަތަ ތަޙްޤީގީ މަރުޙަލާއެއްގައި ސާބިތުވެއްޖެ ކަމަށްވަންޏާ އެކަމުގެ ފުރިހަމަ ޒިންމާ އެ ފޯމް ހިފައިގެން އަންނަ މީހާ އަދާކުރާނެ ކަމުގެ އިޤްރާރަކާއި އެކީގައި މިފަހަރު ވޯޓަރސް ރަޖިސްޓްރީ ފޯމް ބަލައިގަންނާނީ،" ޝަރީފް ވިދާޅުވިއެވެ.

މިިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ ރަޖިސްޓްރީ ކުރުމުގެ ކަންތައް އޮޅުވާލި ކަމަށް ބައެއް ސިޔާސީ ޕާޓީތަކުން އައީ ބުނަމުންނެވެ.