ޚަބަރު

ކުށްވެރިނުވެ މަޤާމުން ވަކިވެފައިވާ ނައިބު ރައީސުންނަށް އިނާޔަތް ލިބޭ ބިލެއް ހުށަހަޅައިފި


ކުށްވެރިނުވެ މަޤާމުން ވަކިވެފައިވާ ކުރީގެ ނާއިބު ރައީސުންނަށް ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް މަޖިލީހަށް ހުށަހެޅުއްވި ބިލުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ނާއިބުގެ މަޤާމުގައި ހުރި މީހަކު ކުށްވެރިނުވެ އެ މަޤާމުން ވަކިވެއްޖެނަމަ ދަޢުލަތުގެ އެންމެ މަތީ ވެރިޔާގެ ނައިބަށް ދޭންޖެހޭ ޢިއްޒަތާއި ޤަދަރާއި އެކަށީގެންވާ ފަދަ ރައްކާތެރިކަމާއި އިނާޔަތްތައް ދޭންޖެހޭނެ ކަމަށެވެ.

ނައިބު ރައީސުންނަކީ ދަޢުލަތުގެ ޢިއްޒަތްތެރިންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން ކޮށްފައިވާ މީހަކަށް ރަސްމީގޮތުން މުޚާތަބު ކުރުމުގައި އެމީހެއްގެ ނަމުގެ ކުރިއަށް "ނައިބު ރައީސް" އެ ލަޤަބު ބޭނުން ކުރެވިދާނެ ކަމަށެވެ. އަދި ދަޢުލަތުގެ ސަލާމަތީ ބާރުތައް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން ކޮށްފައިވާ ފަރާތްތަކަށް ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅުއްވި ސަބަބެއް ކަމަށް ސަލީމް ވިދާޅުވީ ކުރީގެ ނައިބު ރައީސުންނަކީ ޢިއްޒަތާއި ޤަދަރާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެގެންދާ ބަޔަކަށް ވާތީ މިފަދަ ބިލެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. ކުރީގެ ނައިބު ރައީސުންނަކީ އަބަދުމެ، ޤައުމާއި ރައްޔިތުންގެ ލާބަ އާއި މަންފާއަށް މަސައްކަތް ކުރައްވާ ބޭފުޅުން ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން ކޮށްފައިވާ ފަސް ބޭފުޅުން އެބަ ތިއްބެވިއެވެ. އޭގެތެރެއިން ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބަށް ބިލު މިހާރު އޮތް ގޮތުން އެއްވެސް އިނާޔަތެއް އަދި ރައްކާތެރިކަމެއްވެސް ނުލިބޭނެއެވެ. ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކަކީވެސް ރާއްޖޭގެ ނާއިބު ރައީސްކަން ކުރެއްވި ބޭފުޅެކެވެ. ނަމަވެސް ފަހުން ރާއްޖޭގެ ރައީސްކަން އެމަނިކުފާނު ކުރައްވާފައިވާތީ މިހާރު އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅުންނަށް ލިބިވަޑައިގަންނަވާ އިނާޔަތާއި ރައްކާތެރިކަމެވެ.

ބިލު މިހާރު އޮތް ގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން ކުރެއްވި ބޭފުޅުންނަށް ލިބިވަޑައިގަންނަވާ އިނާޔަތާއި ރައްކާތެރިކަން ލިބިލައްވާނީ ކުރީގެ ނާއިބު ރައީސް މުޙައްމަދު ވަޙީދުއްދީނާއި ޑރ. މުޙައްމަދު ޖަމީލު އަޙްމަދު އަދި ޢަބްދުﷲ ޖިހާދަށެވެ.