ޚަބަރު

މެންބަރު ރިޔާޒާއި ޙުސައިން ރައީސް ޔާމީންގެ ދިފާޢުގައި ނިކުމެއްޖެ


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފުލުހަށް ހާޒިރުކުރި ވަގުތު ކުރިއަށްދިޔަ މުޒާހަރާގައި ދާދިފަހުން ޕީޕީއެމްއިން ވަކިވެ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަތީފު މުޒާހަރާގައި ބައިވެރިވަޑައިގަތުމުން ގިނަ ބަޔަކު ފާޑުކިޔަން ފަށައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ދެ ފަހަރެއްގެ މަތިން ކުރީގެ ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ މައްސަލާގައި ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުވި ވަގުތު އިދިކޮޅު ޕީޕީއެމްގެ ސަޕޯޓަރުން ވަނީ ޔާމީންގެ ދިފާޢުގައި އަޑު އުފުލާފައެވެ.

މި މުޒާހަރާގައި ޕީޕީއެމްއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރުންވެސް ބައިވެރިވެވަޑައިގަތް މަންޒަރުވެސް ފެނިގެންދިޔައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ރިޔާޒު ރަޝީދު ހުންނެވީ މުޒާހަރާގެ އެންމެ ކުރީ ސަފުގައެވެ. އަދި މުޒާހަރާގައި ބައިވެރިވަޑައިގަތުމަށް ދިޔަ ޕީޕީއެމްގެ މަޖިލިސް މެންބަރުންނާއި އެކު ޙުސައިން މުޙައްމަދު ލަތީފް ހުންނެވި ފޮޓޯއެއްވެސް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އެނގިފައިވާ ގޮތުގައި މުޒާހަރާ ނިންމާލެއްވުމަށްފަހު ރިޔާޒު ރަޝީދު ޕީޕީއެމްގެ އޮފީހަށް ވެސް ވަނީ ވަޑައިގެންފައެވެ. ޕީޕީއެމްގެ އޮފީހަށް އޭނާ ވަޑައިގަތީ ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕް، ޕީޖީ ލީޑަރ އަޙްމަދު ނިހާން ޙުސައިން މަނިކާއި އެކުގައެވެ.

ރިޔާސީ އިންތިޚާބުގެ ކަންކަން ނިމުމުން ރިޔާޒު ރަޝީދު ވަނީ ޕީޕީއެމްގެ ލީޑަރޝިޕާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން އޭނާ ވަނީ މަޖިލީހުގެ މިހާރުގެ މައިނޯރިޓީ ޕާޓީ ޖުމްހޫރީ ޕާޓީއަށް ގުޅިވަޑައިގަންފައެވެ. ޖޭޕީއަށް އޭނާ ސޮއިކުރެއްވުމަށްފަހު ވިދާޅުވީ މުސްތަޤުބަލު އޮތީ ޖުމްހޫރީ ޕާޓީގައި ކަމަށެވެ.