ސިޔާސީ

ޤާނޫނު އަސާސީގެ ބާރު އެންމެންގެ މައްޗަށް ހިނގާނެ - ހޯމް މިނިސްޓަރު


ޤާނޫނު އަސާސީގެ ބާރު އެންމެންގެ މައްޗަށް ހަމަހަމަކަމާއެކު ހިނގާނެ ކަމަށާއި ތުހުމަތެއްވާނަމަ އެކަމަށް ޖަވާބުދާރީވާންޖެހޭނެ ކަމަށް ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު މިގޮތަށް ވިދާޅުވީ، މިއަދު މެންދުރުފަހު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ.

ހޯމް މިނިސްޓަރުގެ ޓްވީޓުގައި ބުނެފައިވަނީ، ރައްޔިތުންނަށް ލިބިފައިވާ އަނިޔާތަކަށް އިންސާފު ހޯދުމާއި، ރައްޔިތުންގެ މާލިއްޔަތުން ނުޙައްޤު މަގުން ގެއްލިފައިވާ މުއްސަނދިކަން އަނބުރާ ހޯދުމަކީ ބޮޑު އަމާޒެއް ކަމަށެވެ.

"ޤާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވާނެ. ޤާނޫނުގެ ބާރު އެންމެންގެ މައްޗަށް ހިނގާނެ. ތުހުމަތުތަކަށް ޖަވާބުދާރީ ވާންޖެހޭނެ." ހޯމް މިނިސްޓަރުގެ ޓްވީޓުގައި ބުނެފައިވެއެވެ.

ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ މި މޭރުމުން ޓްވީޓު ކުރައްވާފައި މިވަނީ ޔޫތު މިނިސްޓަރު އަހުމަދު މަޙުލޫފުވެސް ވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ސަޕޯޓަރުންނާއެކު ފައިމަގުގައި ހިންގަވާފައި ފުލުހުންގެ އިދާރާއަށް ވަޑައިގަންނަވާނަމަ އެކުރައްވަނީ އެއްވެ އުޅުމުގެ ޤާނޫނާ ޚިލާފު އަމަލެއް ކަމަށް ވިދާޅުވެފައި ވަނިކޮށްވެސްމެއެވެ.