ސިޔާސީ

ރައީސް ޔާމީން، ހިންގަވާފައި ފުލުހުންގެ އިދާރާއަށް ވަޑައިގަތުމަކީ ޤާނޫނީ ކުށެއް- މަޙްލޫފް


ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ހުށައަޅާފައިވާ މައްސަލައަކާ ގުޅިގެން ސަޕޯޓަރުންނާއެކު ފައި މަގުގައި ހިންގަވާފައި ފުލުހުންގެ އިދާރާއަށް ވަޑައިގެންނެވުމަކީ އެއްވެ އުޅުމުގެ ޤާނޫނާ ޚިލާފު އަމަލެއް ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަޙުލޫފު ވިދާޅުވެއްޖެއެވެ.

މަޙުލޫފު މިހެން ވިދާޅުވީ ރައީސް ޔާމީން މިއަދުގެ މެންދުރުފަހު 2:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާނީ ހިންގަވާފައި ކަމަށް ޕީޕީއެމުން ބުނެފައިވަނިކޮށެވެ.

އެއްވެ އުޅުމުގެ ޤާނޫނަށް ރިޢާޔަތްކުރައްވާ މަޙުލޫފު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ އެ ޤާނޫނުގައި އެއްވެ އުޅުމަކީ ކުށެއްކަމަށް ކަނޑައެޅުއްވީ ވެސް ރައީސް ޔާމީނުގެ ވެރިކަމުގައި ކަމަށާއި، އެޤާނޫނު އިސްލާހު ކުރުމަށް އާ ސަރުކާރަށް އަދި މިހާތަނަށް ވަގުތު ލިބިފައިނުވާ ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެއްވެ އުޅުމުގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން 17 އޮގަސްޓް 2016 ގައި ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅައި ޢާންމުކޮށް އިޢުލާންކޮށްފައިވާ ތަންތަނުގައި އެކަނި ކަމަށެވެ.

ރައީސް ޔާމީން ފުލުސް ހޮފީހަށް ހާޒިރުކުރަނީ، ވެރިކަމުގައި ހުންނަވައިގެން ޤާނޫނާ ޚިލާފަށް މާލީ މުޢާމަލާތްތަކެއް ހިންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދައުލަތުގެ އިދާރާތަކުން ފުލުހަށް ހުށަހަޅާފައިވާތީ އެކަންކަމާ ސުވާލުކުރުމުގެ ގޮތުން ކަމަށް ފުލުހުންގެ އިދާރާއިން ބުނެއެވެ.