ޚަބަރު

ޙައްޖަށް ދިއުމަށް ޕެންޝަން ފައިސާ ބޭނުން ކުރެވޭނެ ގޮތަށް ކޮމެޓީން ފާސްކޮށްފި


ޙައްޖަށް ދިއުމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުން ކުރެވޭ ގޮތަށް ޕެންޝަނާއި ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙު އިޖުތިމާޢީ ކޮމެޓީން ފާސްކޮށްފިއެވެ.

ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނަށް ހުށައެޅުއްވި އިޞްލާޙު ކޮމެޓީން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގަތް މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އަސްލަމް ހުށަހެޅި އިޞްލާޙުގައި ބުނެފައިވަނީ ޕެންޝަން ސްކީމުގެ ބައިވެރިންގެ ތެރެއިން ޕެންޝަން ޤާނޫނުގައި ކަނޑައަޅައި ޝަރުތުތައް ފުރިހަމަވާ ބައިވެރިންގެ ރިޓަޔަރމަންޓް ސޭވިންގސް އެކައުންޓުގައި ޖަމާކުރެވިފައިވާ ފައިސާ، ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ދެއްކޭނެ އިންތިޒާމް ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން ހަމަޖައްސަންވާނެ ކަމަށެވެ. އަދި ފަރުޟު ޙައްޖުގެ އަޅުކަން އަދާ ކުރުމަށް ފައިސާ ދޫކުރުމުގައި އެންމެހައި އުޞޫލުތައް ކަނޑައަޅަންވާނެ ކަމަށްވެސް އިޞްލާޙުގައި ބުނެފައިވެއެވެ.

އިޞްލާޙުގައި ޕެންޝަން ސްކީމްގައި ބައިވެރިވެފައި ތިބި މީހުންގެ ތެރެއިން ޙައްޖުގެ އަޅުކަން އަދާކުރަން ސޭވިންގ އެކައުންޓުން ފައިސާ ދޫކުރެވޭނީ އަލަށް ޙައްޖަށް ދާ މީހުންނަށް އެކަނި ކަމަށެވެ. މި އިޞްލާޙު ހުށަހެޅުއްވީ ގިނަބަޔަކަށް ޙައްޖުގެ މަތިވެރިކަން އަދާ ކުރުމުގެ މަގު ތަނަވަސް ކުރުމުގެ ގޮތުންނެވެ.

މިފަދައިން ޙައްޖަށް ދެވޭނެ ގޮތް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދެކެވެ.