ދީން

ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މިއަހަރު ގިނަ މަސައްކަތްތަކެއް


ދިވެހި ރައްޔިތުންގެ ހިތްތަކުގައި ދީނީ ހޭލުން ތެރިކަން އިތުރުކުރުމަށް މިއަހަރު ގިނަ މަސައްކަތް ތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. އެމްބީސީގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝަހީމް ވިދާޅުވީ ދީނީ ދަރުސްތައް މިއަހަރު ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދަވާނެކަމަށެވެ. އަދި އެ ސިލްސިލާ ދަރުސްތައް ދަ "މެސެޖް" ގެ ނަމުގައި މިމަހުގެ 23 ވަނަ ދުވަހު ފެށޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.މިގޮތުން މިފަހަރު ގެންނަ އިލްމުވެރިންނަކީ ޒުވާނުންގެ އެދުމުގެ މަތިން ޒުވާނުންނާ ގުޅޭގޮތަށް ދަރުސްތައް ދިނުމަށް ގެނެވޭ އިލްމުވެރިންކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި ދުނިޔޭގެ މަޝްހޫރު އިލްމުވެރިންކަމަށްވާ ޔާސިރު ގާޟީ އާއި އިސްމާއިލް މެންކް އާއި ލަންޑަންގެ ސެންޓްރަލް މޮސްކް އިމާމް ގެ އިތުރުން އޮކްސްފޯޑް ޔުނިވާރސިޓީގެ އިސްލާމިކް ޑިޕާޓްމަންޓްގެ ވެރިޔާ ޕްރޮފެސަރެވެ. ތޯރިގް ރަމަޟާން ވެސް މިއަހަރު ވަޑައިގަންނަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުންވެސް ހޮލެންޑްގެ މަޝްހޫރު ޕޮލިޓީޝަނަކު އިސްލާމް ދީނަށް އައިގޮތުގެ ތަޖުރިބާ ދިވެހި ޒުވާނުންނާ ހިއްސާ ކުރުމަށް ރާއްޖެ ގެނައުމަށް ވެސް ވަނީ ހަމަޖެހިފައެވެ.މިނިސްޓަރ އިތުރަށް ވިދާޅުވީ މިއަހަރުގެ ދަރުސްތައް ކުރިއަށް ގެންދަވަނީ ވަރަށް ބޮޑަށް ޒުވާނުންނަށް އިސްކަންދެއްވައިގެން ކަމަށެވެ. އަދި ޒުވާނުންނަށް ހިންގާ ހަރަކާތް ތަކަކީ އިސްލާމްދީނުގެ އުސޫލުތަކުގެ ތެރެއިން ހިންގާ ހަރަކާތް ތަކަކަށް ހެދުމަށްވެސް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ ސިލްސިލާ ދަރުސްތައް ރޭވިފައިވަނީ 6 މަސްދުވަހުގެ މުއްދަތަށެވެ.