ޚަބަރު

ރިޔާސީ ކޮމިޝަންތަކަށް ދިން ބާރުތައް ބިލުން ނަގައިފި


ރިޔާސީ ކޮމިޝަންތަކަށް ބާރުތައް ދޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ "ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ" ބިލަށް ދީފައިވާ ބާރުތައް ބިލް ދިރާސާ ކުރަމުން ގެންދާ މިނިވަން މުޢައްސަސާތަކާއި ބެހޭ ކޮމެޓީން ނަގައިފިއެވެ.

މިނިވަން މުޢައްސަސާތަކާއި ބެހޭ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ސަރުކާރުގެ މެންބަރަކު ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ އެ ބިލުގައި ހުރި ބާރުތައް ނަގާފައިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ނިންމުމަށް ކޮމެޓީން ނިންމީ އެ ބިލަށް ގިނަ ބާރުތަކެއް ދިނުމާއި ގުޅޭގޮތުން ގިނަ ބަޔަކު ފާޑުކިޔަމުން ގެންދާތީ ކަމަށެވެ.

މެންބަރު ވިދާޅުވީ ގިނަ މާއްދާތަކަކަށް މިހާރު ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން މެންބަރު ފާހަގަކުރެއްވި މުހިއްމު ބައެއް މާއްދާތަކަކީ ޕީޖީ އޮފީހަށް ފޮނުވާތާ 15 ދުވަހުގެ ތެރޭގައި ދައުވާކުރުމަށް ގޮތެއް ނިންމާ ޝަރީޢަތަށް ފޮނުވަން ޖެހޭނެކަމަށާއި، މައްސަލައެއް ޝަރީއަށް ފޮނުވާތާ 60 ދުވަހުގެ ތެރޭގައި ފުރަތަމަ މަރުހަލާ ނިންމާ، ހައިކޯޓަށް އިސްތިއުނާފަށް ހުށައަޅައިފިނަމަ 30 ދުވަހުގެ ތެރޭގައި މައްސަލަ ބަލާ ނިންމަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ މާއްދާއެވެ. އޭނާ ވިދާޅުވީ އެ މާއްދާ މިހާރު އުވާލައިފައިވާ ކަމަށެވެ.

އަދި ޝަރީއަތްކޮށް ތަޙުޤީޤުކުރުމަށް ޚާއްޞަ އޮފީހެއް ޕްރޮސެކިއުޓަރ ޖެނެލްގެ އޮފީހާއި ވަކިން ޤާއިމްކޮށް އެސިސްޓަންޓް ޕްރޮސެކިއުޓަރ ޖެނެރަލްގެ ދަށުން ހިންގާ ޚާއްޞަ ޑިޕާޓްމަންޓެއް ޕީޖީ އެކުލަވާލަން ޖެހޭނެކަމަށް ބިލުގައި ބަޔާންކޮށްފައިވާ މާއްދާވެސް އުވާލާފައިވާ ކަމަށް މެންބަރު ވިދާޅުވިއެވެ.

ރިޔާސީ ކޮމިޝަންތަކަށް ބާރު ދޭ ގޮތަށް މަޖިލީހަށް ހުށަހަޅައި މިނިވަން މުޢައްސަސާތަކާއި ބެހޭ ކޮމެޓީން މިހާރު ދިރާސާ ކުރަމުންދާ ބިލަށް ސަރުކާރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުންވެސް އަންނަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ. ދާދިފަހުން ރައްޔިތުން މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ފާތިމަތު ފިލްޒާވެސް ވަނީ އެ ބިލާމެދު ކަންބޮޑުވުންފާޅު ކޮށްފައެވެ.