ވިޔަފާރި

ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެސް.އެމް.އީ ބެންކު ހުޅުވޭނެ- އިކޮނޮމިކް މިނިސްޓަރ


ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަސޭހައިން ލޯނު ލިބޭނެ ބޭންކެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ، މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުންކަމަށެވެ. ރާއްޖޭގައި މިހާރު ހުރި ބޭންކުތަކަކީ ވިޔަފާރި ބޭންކުތަކެއްކަމަށާއި، އެ ބޭންކުތަކުން ލޯނު ނެގުމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް އެކަމުގެ ސަބަބުން އުދަނގޫތަކަކާއި ކުރިމަތިލާންޖެހޭކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން އެންމެ ލަސްވެގެން އަންނަ ޖެނުއަރީ މަހުގެތެރޭގައި ކުދި އަދި މެދުފަންތރީގެ ވިޔަފާރިތަކަށް ލޯނު ދޫކުރާނެ ބޭންކެއް އުފެދިގެންދާނެކަމަށާއި، މި ބޭންކު ވެގެންދާނީ މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީގެ ޤާނޫނުގައިވާ ގޮތުގެ މަތިން އުފެދިގެންދާ ބޭންކަކަށްކަމަށް މިނިސްޓަރ ފައްޔާޟު ވިދާޅުވިއެވެ.

"އާންމުކޮށް ރާއްޖޭގައި ހުރި ބޭންކުތަކަކީ ވިޔަފާރި ބޭންކުތަކެއް. އެހެންވީމަ ވިޔަފާރި ބޭންކުތަކުގައި ވަރަށް ބޮޑެތި އިންޓްރެސްޓްތަކާއި މޯގޭޖްކޮށްގެން ލޯނު މިލިބެނީ. އެހެންވީމަ އަޅުގަނޑުމެން މި ބޭންކު، ނުވަތަ މި އިންސްޓިޓިއުޓް ވެގެންދާނީ ތަންކޮޅެއް ލުއިފަސޭހަ ގޮތެއްގައި ފައިސާ ލިބޭނެގޮތްހެދުން. މިސާލަކަށް މޯގޭޖް ނުކޮށް." މިނިސްޓަރ ފައްޔާޟު ވިދާޅުވިއެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވިޔަފާރީގެ ދާއިރާއިން ގިނަ ކަންތައްތަކެއް ކުރުމަށް ކަނޑައަޅާފައިވެއެވެ. އޭގެތެރެއިން އެއްކަމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޙާއްސަކޮށްގެން އުފައްދާ އެސް.އެމް.އީ ބޭންކުގެ ޙިދުމަތް ފެށުމެވެ.