ޚަބަރު

ރަސްރަނި ބަގީޗާގެ ނަން ސަލްޓަން ޕާރކަށް އަނެއްކާވެސް ބަދަލުކުރަނީ


ރަސްރަނި ބަގީޗާގެ ނަން އަލުން ސަލްޓަން ޕާރކްގެ ނަމަށް ބަދަލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ނިންމާފައިވާކަމަށް މާލެ ސީޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ސަލްޓަންޕާކު މިހާރު އޮތްގޮތަށް ބަދަލުކޮށް، އެތަނުގެ ނަން ރަސްރަނި ބަގީޗާއަށް ބަދަލު ކޮށްފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ. ރާއްޖޭގެ ތާރީޚީ މުހިންމު ސައިޓަކަށް ބޮޑެތި ބަލަދުތަކެއް ގެނެސް، އެތަނުގެ ނަން ބަދަލުކުރުމާއެކު ގިނަ ބައެއްގެ ފާޑުކިއުންތައް އޭރު އަމާޒުވިއެވެ.

ކުރިން މާލޭގެ މަގުތަކާއި ޕާރކްތައް ބެލެހެއްޓުމުގެ ހައުސިންގ މިނިސްޓްރީގެ ދަށުން ކުރަމުންދިޔަނަމަވެސް، މި ސަރުކާރުންވަނީ ސިޓީ ކައުންސިލަށް އެބާރުތައް ދީފައެވެ. މާލެސިޓީގެ މޭޔަރ ސިފާ މުޙައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަސްރަނި ބަގީޗާގެ ނަން އަލުން ސަލްޓަންޕާރކްގެ ނަމަށް ބަދަލުކުރުމާގުޅޭގޮތުން އަންނަ ހަފްތާގެ އަންގާރަދުވަހު އޮންނަ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

ރަސްރަނި ބަގީޗާ ހިމެނޭ ސަރަހައްދަށް ބަދަލުތަކެއްގެނެސް އެތަނާ އިންވެގެން ތަރައްޤީކޮށްފައިވާ އިސްލާމީ މަރުކަޒު މައިދާނަށްވެސް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން އިސްލާމީ މަރުކަޒު މައިދާން ތަރައްޤީކުރުމަށް ބަންދުކޮށްފައިވާ 2 މަގު އަލުން ހުޅުވާލުމަށް ކުރަންޖެހޭ އަމަލީ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.