ޚަބަރު

އޯޕެކްގެ މުސްތަޤުބަލާމެދު އީރާނުން ކަންބޮޑުވުން ފާޅުކޮށްފި


ތެޔޮ އެކްސްޕޯޓްކުރާ ގައުމުތަކުގެ ޖަމްއިއްޔާ "އޯޕެކް" ގެ މުސްތަގްބަލާމެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް އީރާނުގެ ތެލާބެހޭ ވަޒީރު ބޭގިން ޒެންގްނާ ވިދާޅުވެއްޖެއެވެ.

ބޭރާއި އެތެރޭގެ ސަބަބުތަކަކާ ގުޅިގެން އޯޕެކް ރޫޅިގެން ދިޔުމުގެ ބިރު އެބައޮތް ކަމަށް، އީރާނުގެ ޓީވީ އަށް ދެއްވި ބަސްދީގަތުމެއްގައި ޒެންގްނާ ވަނީ ވިދާޅުވެފައެވެ.

އޯޕެކްގެ ގައުމެއް ކަމަށްވާ ގަތަރުން ވަނީ އެޖަމާއަތުން ވަކިވުމަށް ދާދިފަހުން ނިންމާފައެވެ. އަނެއްކޮޅުން އޯޕެކްގައި ހިމެނޭ ބައެއް ގައުމުތަކާއި އޯޕެކުން ބޭރުގައިވާ ބައެއް ގައުމުތައް ހިމެނޭގޮތަށް "އޯޕެކް ޕްލަސް"ގެ ނަމުގައި ރަޝިޔާއާއި ސައޫދީ ޢަރަބިޔާ އިސްކޮށް ތިބެގެން އޯޕެކްގެ އެހެން މެންބަރުންނާ ވަކިން އެ ދެ ގައުމުން ގެންދަނީ ތެލާބެހޭ މުހިއްމު ނިންމުންތަކެއް ނިންމަމުންނެވެ.

މީގެ ތެރޭގައި ތެޔޮ އުފައްދާ މިންވަރު މަތިކުރުމާއި ދަށްކުރުން ހިމެނެއެވެ. ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދައި އަދި އެކްސްޕޯޓް ކުރާ ދެގައުމަކީ ސައޫދީ އަރަބިޔާ އާއި ރަޝިޔާއެވެ. ދުނިޔޭގެ ތެލުގެ ބާޒާރަށް އަސަރުކުރާވަރުގެ މުހިއްމު ނިންމުންތައް ނިންމުގެ ގާބިލްކަން މިދެގައުމަށް ލިބިފައިވާތީ ދުނިޔޭގެ ތެލުގެ ބާޒާރު ކޮންޓްރޯލް ކުރުމުގައި އޯޕެކްގެ އެހެން ގައުމުތަކުގެ މާބޮޑު ދައުރެއްނެތްކަން އެގައުމުތަކަށް އިޙްސާސް ކުރެވެމުންދާކަމަށް އީރާނުގެ ތެލާބެހޭ ވަޒީރު ވިދާޅުވިއެވެ.