އަންނަ އަހަރު ބާއްވާ "އެންމެ ރަނގަޅު 50 ހިއުމަން ރިސޯސް ލީޑަރުންގެ" އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އެޗު.އާރު މޯލްޑިވްސްއިން ހުޅުވައިފިއެވެ.
ރާއްޖޭގައި ހިއުމަން ރިސޯސް ދާއިރާގައި ހަރަކާތްތެރިވާ އެންމެ ކުޅަދާނަ އަދި ޤާބިލް ފަރާތްތައް ހޮވާ އެފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި އެޗް.އާރް މޯލްޑިވްސްއިން ކޮންމެ އަހަރަކު ދޭ މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކުންނާއި ޖަމިއްޔާ ޖަމާޢައްތަކަށް ހުޅުވާލާފައިވާކަމަށް އެޗް.އާރު.މޯލްޑިވްސްއިން ބުނެއެވެ.
ޑިސެމްބަރު އެކަކުން ފެށިގެން ޖެނުއަރީ މަހުގެ އެކެއްގެ ނިޔަލަށް މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މި އެވޯޑުތަކަށް ހޮވޭ ލީޑަރުންގެ ނަން އިޢުލާންކުރުމަށް ހަމަޖެހިފައިވަނީ އަންނަ މާޗުމަހު އައްޑޫ ސިޓީގައި އޮންނަ އެޗް.އާރު ސަމިޓް އެންޑް އެކްސްޕޯގެ ގާލާ ހަފްލާގެ ތެރެއިންނެވެ.
އެޗް.އާރު މޯލްޑިވްސްގެ ސީއިއޯ އާދަމް އިބްރާހިމް ވިދާޅުވީ މިފަދަ ކަމެއް ކުރުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ހިއުމަން ރިސޯސް ދާއިރާއަށް ގިނަ ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކުގެ މަސައްކަތްތައް ފަހާގަކޮށް މިދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި އެބޭފުޅުންނަށް އެއްބާރުލުން ދިނުންކަމަށެވެ.
އަމިއްލަ ފަރާތްތަކުންނާއި އެކި ކުންފުނިތަކަށް މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މި އެވޯޑަށް ކުރިމަތިލެވޭނީ ކުންފުނިތަކުގެ މެނޭޖަރުން، ޑިރެކްޓަރުން އަދި ކޮންސަލްޓަންޓް ލެވެލްގެ ބޭފުޅުންނަށް އެކަނިކަމަށް އެޗު.އާރު މޯލްޑިވްސްއިން މަޢުލޫމާތުދެއެވެ.
އެޗު.އާރު ލީޑާސް އެވޯޑަށް ކުރިމަތިލެވޭނެ ޝަރުތުތަކުގެ ތެރޭގައި ހިއުމަން ރިސޯސް ނުވަތަ ލާރނިންގ އެންޑް ޑިވެލޮޕްމަންޓްގެ ދައިރާގައި އެންމެ މަދުވެގެން 5 އަހަރު ދުވަހު މަސައްކަތްކޮށްފައިވުން ހިމެނެއެވެ. އަދި ތަޢުލީމީ ދާއިރާއިން ހޯދާފައިވާ ކާމިޔާބީތަކާއި ކުންފުނިތަކަށް އެޗު.އާރު ދާއިރާއިން ލިބިފައިވާ ކާމިޔާބިތައް ބަލާނެކަމަށް ވެސް އެޗު.އާރު މޯލްޑިވްސްއިން ބުނެއެވެ.
މި އެވޯޑަށް މީހުން ހޮވާނީ އެޗު.އާރު މޯލްޑިވްސްއިން ކަނޑައަޅާފައިވާ ވަކި ޕެނަލްއަކުންނެވެ. މި ޕެނަލްގައި ހިއުމަން ކެޕިޓަލް އެޑިޓޯރިއަލްގެ ތަޖުރިބާކާރުންނާއި އަދި ހިއުމަން ރިސޯސް ދާއިރާގެ ތަޖުރިބާކާރުން ހިމެނެއެވެ.
މިއީ ކޮންމެ އަހަރަކު ފާހަގަކޮށްލެވޭ އެންމެ ރަނގަޅު ހިއުމަން ރިސޯސް ލީޑަރުން ހޮވުމަށް 2017 ވަނަ އަހަރު އެޗު.އާރު މޯލްޑިވްސްއިން ތަޢާރަފްކުރި އެވޯޑެކެވެ. 2017 ވަނަ އަހަރުގެ އެވޯޑް މިދިޔަ މާރޗްމަހު ދީފައިވާއިރު މިއީ ހިއުމަން ރިސޯސް ދާއިރާއިން ރާއްޖޭގައި ދޭ މިފަދަ ފުރަތަމަ އެވޯޑެވެ.