ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް


ހުޅުމާލޭ ދެވަނަ ފިޔަވަހީގެ
ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް
ގައްޔޫމް އިފްތިތާހް ކޮށްދެއްވައިފިއެވެ. މިކަމަށްޓަކައި ރޭ ވަނީ، ރާޅުގަނޑު ސަރަހައްދުގައި ޚާއްސަ ރަސްމިއްޔާތެއް
ބާއްވާފައެވެ.



ހުޅުމާލޭ ދެވަނަ ފިޔަވަހީގެ
ދަށުން 240 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާރު އޮތް 180
ހެކްޓަރާއި އެކު މާލޭގެ ދެގުނަ އަށްވުރެ ބޮޑު ބިމެއް ހުޅުމާލެއިން ލިބިގެންދާނެ
ކަމަށް ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން ބުނެއެވެ.
ދުނިޔޭގައި އޮތް އެންމެ ބޮޑު ޑްރެޖަރ ނުވަތަ ބިން ހިއްކާ ބޯޓް ބޭނުންކޮށްގެން ކުރިއަށްދާ
ބިން ހިއްކުމުގެ މަޝްރޫއު، ކުރިއަށްއޮތް ދެ މަސްތެރޭ ނިންމާލެވޭނޭ ކަމަށް އެޗް ޑީ
ސީން ލަފާކުރެއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން
އަބްދުލް ގައްޔޫމް ދެއްކެވި ވާހަކަފުޅުގައި ހުޅުމާލެއަކީ  ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މުސްތަގްބަލާއި
ގުޅިފައިވާ ރަށް ކަމުގައި ވިދާޅުވިއެވެ. އަދި މި އަހަރުގެ ތެރޭގައި ބިން ހިއްކުން
ނިމި، އެތަން ތަރައްގީކުރަން ފެށުމުން ޒުވާނުންގެ ސިޓީއަށް ޒުވާނުން ކުރާ
އިންތިޒާރު އަވަސް މުސްތަގްބަލެއްގައި ފުރިހަމަވެގެންދާނެ ކަމަށް އެމަނިކުފާނު
ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ
އަހުމަދު އަދީބު ވިދާޅުވީ ހުޅުމާލެއާއެކު، ކުޅުދުއްފުއްޓާއި، ލ އަތޮޅުގެ
ގުޅިފައިވާ ރަށްތަކުގެ އިތުރުން އައްޑޫ ސިޓީވެސް އެއްފަސްކުރެވޭ ސިޔާސަތެއްގެ
ތެރެއިން ތަރައްގީކުރެވޭނެ ކަމަށެވެ. އަދި އެ ތިން ސަރަހައްދުގައި މިވަގުތު
ކުރިއަށްދާ މަޝްރޫއުތަކަކީ އެކަމަށް އެޅޭ ބިންގަލެއް ކަމަށް އަދީބު ވިދާޅުވިއެވެ.

މި
ރަސްމިއްޔާތުގައި ހުޅުމާލެ ތަރައްގީކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާ ހައުސިން
ޑިވްލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދުވެސް ވާހަކަ
ދެއްކެވިއެވެ. ސުހައިލް ވިދާޅުވީ ހުޅުމާލޭގެ ތަރައްގީގެ މަޝްރޫއުތައް މިހާ ބާރަށް
ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުންދާ
ކަމަށާއި، މީހުން އާބަދުވުމުގެ އިތުރުން، އިގްތިސާދީގޮތުން މުހިންމު
ސަރަހައްދަކަށް ހުޅުމާލެ ބަދަލުވެގެންދާނެ ކަމަށެވެ. ހުޅުމާލެ ބިން ހިއްކުމުގެ
ދެވަނަ ފިޔަވހީގެ މަސައްކަތް ހަވާލުކޮށްފައިވަނީ ބެލްޖިއަމްގެ ޑްރެޖިން
އިންޓަނޭޝަނަލް ކުންފުންޏާއެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއެކު، ޖުމްލަ ދެ ލައްކަ ވިހި
ހާސް މީހުންގެ އާބަދީއެއް ހުޅުމާލޭގައި ވަޒަންވެރި ކުރެވޭނޭ ކަމަށް ސަރުކާރުން
ވިދާޅުވެއެވެ.