ޚަބަރު

ފައިރޫޝާއި ރިޔާޒާއި ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ޙުކުމްކޮށްފި


ކުރީގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝްއާއި ކުރީގެ ސުޕްރިޓެންޑް އޮފް ޕޮލިސް މުހައްމަދު ރިޔާޒާއި އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ އިބްރާހީމަށް ފުލުހުންގެ ވަޒީފާ އަލުން ދިނުމަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.

ޕީއެޗްޑީއަށް ކިޔެވުމަށް ރާއްޖެއިން ބޭރުގައި ހުއްޓާ ފުލުހުންގެ ވަޒީފާއިން ފައިރޫޝް ވަކިކޮށްފައިވަނީ ޝޯޝަލް މީޑިއާގައި ސަރުކާރާއި މެދު ނުބައި ތަސައްވުރެއް އުފެދޭގޮތަށް ވާހަކަދެއްކިކަމުގެ ތުހުމަތުގައެވެ.

ޖިނާއީ ބޮޑެތި މައްސަލަތަކެއް ތަހުޤީޤުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި މުހައްމަދު ރިޔާޒު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާގެ އަހުލާޤީ މައްސަލަތަކެއް ބެލުމަށްފަހު މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެތެރޭގައެވެ.

ފުލުހުންގެ އެސްއޯގައި މަސައްކަތްކުރަމުން ދިޔަ އަބްދުﷲ އިބްރާހީމް ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ ފެބްރުއަރީމަހުގެ އެއްވަނަދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރާއި ގުޅިގެން ހިނގައިދިޔަ ކަންތައްތަކުގެ ތެރޭގައެވެ.

މި ތިން ފުލުހުންގެ މައްސަލަ ސިވިލްކޯޓުން ނިންމާފައިވަނީ ޝަރީއަތަށް ހުށައެޅުމުގެ ކުރިން ވާހަކަ ދައްކައިގެން ހައްލުކުރުމުގެ މަރުހަލާގައެވެ. މި މައްސަލަ ނިންމާ ސިވިލްކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ މި ތިން ފުލުހުން ވަޒީފާއިން ވަކިކޮށްފައިވަނީ ފުރިހަމަ ކުރަންޖެހޭ އިޖުރާތުތައް ފުރިހަމަނުކޮށްކަމަށް ދައުލަތުން ކޯޓްގައި އިއުތިރާފްވެފައިވާކަމަށެވެ. މި ތިން ފުލުހުންނަށް އަލުން ވަޒީފާ ދިނުމަށާއި ވަކިކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމަށްވެސް ސިވިލްކޯޓްގެ ހުކުމުގައިވެއެވެ.