ބޭރު ޤައުމުތަކުގެ ސަފީރުކަމަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހެޅުއްވި ތިން ބޭފުޅުންގެ ތެރެއިން ދެ ބޭފުޅަކަށް ރުހުން ދޭން ނުފެންނަ ކަމަށް އެ ބޭފުޅުންގެ ނަންތައް ދިރާސާ ކުރެއްވި ޤައުމީ ސަލާމަތު ކޮމެޓީން ނިންމަވައިފިއެވެ.
މިއަދު އޮތް ޤައުމީ ސަލާމަތު ކޮމެޓީގެ ބައްދަލުވުމުގައި ރުހުން ދޭން ނުފެންނަ ކަމަށް ކޮމެޓީން ނިންމި ދެ ބޭފުޅުންނަކީ ސައުދީ އަރަބިއްޔާގައި ހުންނަވާ ސަފީރަކަށް ޢައްޔަން ކުރަން ހުށަހެޅުއްވި ގ. އުތުރުގެއާގެ މުހައްމަދު ޚަލީލާއި ތައިލެންޑްގައި ހުންނަވާ ސަފީރަކަށް ޢައްޔަން ކުރެއްވުމަށް ރައީސް ހުށަހެޅުއްވި މއ. ތިބްރޯޒް، މުޙައްމަދު ޖިނާހުއެވެ. ނަމަވެސް ޗައިނާގައި ހުންނަވާ ސަފީރަކަށް މ. ބީނާފުށި، އައިޝަތު އަޒީމާއަށް ރުހުންދޭން ފެންނަ ކަމަށް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.
ޤައުމީ ސަލާމަތު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރަކު ޕީއެސްއެމް ނިއުސްއަށް މިއަދު ވިދާޅުވީ އެ ދެ ބޭފުޅުންނަށް ރުހުން ދޭން ނުފެންނަ ކަމަށް ހުށަހެޅުއްވި މަރަދޫ ދާއިރާގެ މެންބަރު އިބްރާޙިމް ޝަރީފު ކަމަށެވެ. އަދި އޭނާގެ ހުށަހެޅުމަށް ތާޢީދު ކުރެއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ކަމަށާއި އެ ހުށަހެޅުމަށް ކޮމެޓީގެ ރިޔާސަތުން ވޯޓަށް އެހުމުން އެ ދެ ބޭފުޅުންނަށް ރުހުން ދޭން ނުފެންނަ ކަމަށް ކޮމެޓީގައި ދެން ތިއްބެވި ގިނަ މެންބަރުން ވޯޓު ދެއްވި ކަމަށް މެންބަރު ވިދާޅުވިއެވެ. ނަމަވެސް އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ ބައެއް މެންބަރުން ޚަލީލާއި ޖިނާހު ސަފީރު ކަމަށް ޢައްޔަން ކުރަން ފެނިވަޑައިގަންނަވާ ކަމަށް ވޯޓު ދެއްވި ކަމަށްވެސް އެ މެންބަރު ވިދާޅުވިއެވެ.
މި ތިން ބޭފުޅުންގެ ނަންފުޅުު މަޖިލީހަށް ރައީސް ޞާލިޙު ފޮނުއްވެވީ އެ ބޭފުޅުންގެ ވަނަވަރާއިވެސް އެކުގައެވެ. ދެ ބޭފުޅުންނަށް ރުހުންދޭން ނުފެންނަ ކަމަށް ކޮމެޓީން ނިންމި ނަމަވެސް އެ ނަންފުޅުތަކަށް އަންނަ ހޮނިހިރު ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހާނެއެވެ.
ދެ ބޭފުޅަކަށް ރުހުންދޭން ނުފެންނަ ކަމަށް ކޮމެޓީން ނިންމިއިރު ދާދިފަހުން މަޖިލީހުން ވަނީ އަށް ސަފީރަކަށް ރުހުންދޭން ފެންނަ ކަމަށް ފާސްކޮށްފައެވެ. އަދި އެ އަށް ސަފީރުންނަށް ކޮމެޓީ މަރުޙަލާގައިވެސް ވަނީ ރުހުންދޭން ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ.