ޚަބަރު

ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލަ ރައީސް ކުއްވެރިކޮށްފި


ފްރާންސްގެ ޝާލީ އެބްދޫ މަޖައްލާއިން ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫން ކުރެހި މައްސަލަ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް ކުއްވެރިކުރައްވައިފިއެވެ.ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިކަމާ ގުޅޭގޮތުން މިއަދު ނެރުއްވި ބަޔާނުގައިވަނީ ފްރާންސްގެ ނޫހުން ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫން ކުރަހާފައިވަނީ މީހުންގެ މެދުގައި ނަފްރަތު އުފައްދައި، މުސްލިމުން ރުޅިއެރުވުމަށްކަމަށެވެ. ނަމަވެސް މިކަމުގެ ސަބަބުން ޓެރަރިސްޓުންނާއި ހައްދުފަހަނަ އަޅާފައިވާ މީހުންގެ އަމަލުތައް ކުރިއަށް ގެންދިއުމަށް ހިތްވަރު ލިބުން ނޫންކަމެއް ނުވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބަޔާނުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ މުސްލިމުންނާއި މެދު ނަފްރަތު އުފެއްދުމަށް އޮންނަ ލައިސަންސްއެއް ނޫންކަމަށް ފާހަގަކޮށްފައިވެއެވެ. އަދި އިސްލާމްދީން ހިމާޔަތްކޮށް، ސުލްހައާއި އިހްތިރާމްކުރުން ފަދަ އިސްލާމީ ރިވެތި އުސޫލުތައް ޕްރޮމޯޓްކުރުމަށްޓަކައި އިސްލާމީ ޤައުމުތަކުގެ ވެރިން އެކަތިގަނޑަކަށްވެގެން މަސައްކަތްކުރަން ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ގޮވާލައްވާފައިވެއެވެ.