ޚަބަރު

ދެ ނާޒިމް މައްސަލާއިގެ ޙުކުމް މިއަދު އިއްވަނީ


ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނާޒިމާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަރަޔޑް މުޙައްމަދު ނާޒިމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާއިގެ ޙުކުމް އިއްވުން މިއަދަށް ތާވަލްކޮށްފިއެވެ.

ސުޕްރީމް ކޯޓުން މި ދެ މައްސަލާއިގެ ޙުކުމް އިއްވުން ތާވަލްކޮށްފައި ވަނީ މިއަދު ހަވީރުގެ ވަގުތަކަށެވެ. އެގޮތުން ކުރީގެ މެންބަރު އަޙްމަދު ނާޒިމްގެ މައްސަލަ މިއަދު 3:45 އަކަށް ތާވަލް ކޮށްފައިވާއިރު ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމްގެ މައްސަލަ ތާވަލްކޮށްފައިވަނީ މިއަދު ހަވީރު 4:45 އަކަށެވެ.

މި ދެ މައްސަލާއިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ މަހުގެ 27ވަނަ ދުވަހުއެވެ.

މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަޙުމަދު ނާޒިމްގެ މައްޗަށް 25އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގައެވެ. އެހެންކަމުން އެ މައްސަލަ ރިވިއު ކުރުމަށް ހުށަހަޅާފައިވަނީ، 2014ވަނަ އަހަރު މައްސަލަ ނިންމާފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށް ބުނެއެވެ.

ކުރީގެ މިނިސްޓަރު ނާޒިމް ދިރިއުޅޭ އެޕާޓްމެންޓުން ފިސްތޯލައެއް ފެނުނު މައްސަލާގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި 11 އަހަަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކުރީ 2015 ވަނަ އަހަރު އެވެ. އެ މައްސަލާގައި ކްރިމިނަލް ކޯޓުން ކުރި ޙުކުމް ހައިކޯޓުންވެސް ވަނީ ދަމަހައްޓާފައެވެ.