ވިޔަފާރި

ޢިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ހޯދައިދޭނަން- ޖަނާޙް


ރާއްޖޭގެ ކޮންސްޓަރަކްޝަން ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފުރުސަތުތައް ހުޅުވާދިނުމަކީ އަމާޒެއްކަމަށް އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާރން ޕެސިފިކް ކޮންޓްރެކްޓާރސް އެސޯސިއޭޝަން، އިފޮޕްކާގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވެއްޖެއެވެ.

އިފޮޕްކާގެ 45 ވަނަ ކޮންވެންޝަން ރާއްޖޭގައި އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިފޮޕްކާގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވީ މަސީގެ ދަށުން ވެސް ގިނަ ކުންފުނިތަކެއް ރަޖިސްޓްރީވެ މަސައްކަތްކުރަމުންދާއިރު، ރާއްޖޭގައި ކޮންސްޓްރަކްޝަން ދާއިރާ ކުރިއަށްވުރެ ފުޅާވެފައިވާކަމަށެވެ.

އެހެންނަމަވެސް ރާއްޖެއަކީ އިމާރާތްކުރަން ބޭނުންވާތަކެތި ބޭރުގެ ޤައުމުތަކުން އެތެރެކުރަންޖެހޭ ޤައުމަކަށް ވުމާއެކު ރާއްޖެ އެހެން ޤައުމުތަކަށް ބަރޯސާވާންޖެހޭކަމަށް ޖަނާހު ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން މިކަމަށް ޙައްލެއް ހޯއްދަވައިދެއްވާނޭކަމަށް ޖަނާޙު ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގައި އަދި ދިވެހިރާއްޖެއިން ބޭރުގައި ފުރުސަތުތައް ހޯދައިދިނުމަކީ މަސީން ވަރަށް ބޭނުންވާކަމެއް. އެނގިވަޑައިގަންނަވާނެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ މި އޮންނަނީ ދުނިޔޭގެ ތަފާތު ޤައުމުތަކާއި ގުޅިލާމެހިފަ. ރާއްޖެއަކީ މެނުފެކްޗަރިންގ ޤައުމެއް ނޫން. ރާއްޖެއަކީ ޕްރޮޑަކްޝަން އުފައްދާ ޤައުމެއް ނޫން. ރާއްޖެ މުޅި އިންޑަސްޓްރީ..ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިޕެންޑް ވާން މި ޖެހޭނީ ދުނިޔޭގެ އެކި ބާޒާރުގައި އުފައްދާ ޕްރޮޑަކްޓްތަކަށް. މުދަލަށާއި އަދި ތަފާތު ޤައުމުތަކުގައި ހުރި ތަފާތު ޓެލްނޮލޮޖީއަށް." އިފޮޕްކާގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވިއެވެ.

2020 ވަނަ އަހަރު އޮންނަ އިފޮޕްކާގެ 45 ވަނަ ކޮންވެންޝަން ރާއްޖޭގައި ބާއްވަން ނިންމާފައިވާއިރު މިއީ ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިން އެއްވެ ކޮންސްޓްރަކްޝަން ދާއިރާ ފުޅާކުރުމަށް މަޝްވަރާކުރުމަށް ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ މަހާސިންތާއެވެ. މި މިމަހާސިންތާގައި އިފޮޕްކާގެ 20 މެމްބަރު ޤައުމަކުން 1500 މީހުން ބައިވެރިވާނެއެވެ.

އިފޮޕްކާގެ 45 ވަނަ ރައީސްކަމުގެ މަޤާމަށް މިދިޔަ ނޮވެމްބަރުމަހު ހަވާލުވެވަޑައިގަތް ޖަނާހު ވިދާޅުވީ މިފަދަ ފޯރަމްއެއް ރާއްޖޭގައި ބޭއްވުމަކީ ރާއްޖެއަށް ލިބިގެންދާ ބޮޑު ޝަރަފެއްކަމަށެވެ. އަދި މީގެ ސަބަބުން ދުނިޔެއަށް ރާއްޖެ އިތުރަށް މަޝްހޫރުވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށްވެސް މަންފާތަކެއް ކުރާނެކަމަށް ޖަނާހު ވިދާޅުވިއެވެ.

"ރާއްޖެއަށް ލިބޭ ވަރަށް ޕްރޮމޯޝަނެއް ވަރަށް ބޮޑު އެކްސްޕޯޝަރ އެއް މިއީ. މިއީ ޓޫރިޒަމަށް ވެސް ލިބޭ ވަރަށް ބޮޑު ޕްރޮމޯޝަނެއް." އިފޮޕްކާގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވިއެވެ.

ޖަނާހު ވިދާޅުވީ އަލަށް ރާއްޖޭގައި މިފަދަ ކަމެއް ބާއްވާއިރު މިކަމަށް ރާއްޖޭގެ ޖަމިއްޔާތަކުންނާއި އެންޖީއޯތަކުގެ އެހީ ވަރަށް ބޮޑަށް ބޭނުންވާނެކަމަށެވެ. އެހެންކަމުން ރާއްޖޭގެ ކޮންސްޓަރަކްޝަން ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުމަށްޓަކައި މިފަދަކަމެއް ކުރާއިރު ގިނަ ފަރާތެއްގެ އެއްބާރުލުން ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށް ޖަނާހު ވިދާޅުވިއެވެ.

2020 ވަނަ އަހަރު ބާއްވާ އިފޮޕްކާގެ 45 ވަނަ ކޮންވެންޝަނަކީ ކޮންމެ 20 މަހަކުން އެއް މަހު އިފޮޕްކާގެ މެމްބަރު ޤައުމުތަކުގެ ތެރެއިން ކޮންމެވެސް އެއް ޤައުމެއްގައި ބާއްވާ މަހާސިންތާއެކެވެ. އިފޮޕްކާގެ 44 ވަނަ ކޮންވެންޝަން މެލޭޝިއާގެ ކުލާލަމްޕޫރްގައި މިދިޔަމަހު ބާއްވާފައިވާއިރު ރާއްޖޭގައި ބާއްވާ 45 ވަނަ ކޮންވެންޝަން އޮންނާނީ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ކަމަށް ޖަނާހު ވިދާޅުވިއެވެ.

އިފޮޕްކާގެ މެމްބަރު ޤައުމަކަށް ރާއްޖެ ވީ 2007 ވަނަ އަހަރުއެވެ. މި އެސޯސިއޭޝަންގައި ދުނިޔޭގެ ގިނަ ޤައުމުތަކެއް ހިމެނޭއިރު އޭގެތެރޭގައި ޖަޕާން، ޗައިނާ، ކޮރެއާ، އޮސްޓްރޭލިއާ، ނިއުޒިލެންޑް، ސިންގަޕޯރ، ތައިލެންޑް ހިމެނެއެވެ.

މިސަރަޙައްދުގެ ޤައުމުތަކުގެ ތެރޭގައި އިންޑިއާ، ސްރީލަންކާ އަދި ނޭޕާލް ހިމެނެއެވެ. މިއީ ކޮންސްޓްރަކްޝަން ދާއިރާގައި ދިމާވާ ދަތިތަކާއި ބެހޭގޮތުން މަޝްވަރާކޮށް މިކަންކަން ހައްލުކުރުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި ބާއްވާ މަހާސިންތާއެކެވެ.