ޚަބަރު

އިނގިރޭސިވިލާތާއި އީޔޫއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމް ކުރާނަން - ރައީސް


ރާއްޖޭގެ މަސް އެކްސްޕޯޓު ކުރާ އިނގިރޭސިވިލާތާއި ޔޫރަޕްގެ އިއްތިޙާދާއި އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ގއ. ގެމަނަފުށީގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓު ކުރާއިރު މިހާރު ނަގާ ޑިއުޓީ ކަނޑާލުމަކީ އުނދަގޫ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެކަން ކުރެވޭނީ ބައިނަލްއަޤްވާމީ މުޖުތަމަޢުއާ ވަރަށް ބޮޑަށް ގުޅުން ބަދަހިކޮށްގެން ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ޔޫރަޕްގެ ޤައުމުތަކުން މިހާރު ނަގަމުން އަންނަ ޑިއުޓީއަކީ ވަރަށް ބޮޑު ޢަދަދެއް ކަމަށާއި އެއީ ރާއްޖޭ ފަދަ ކުޑަ ޤައުމަކަށް އުފުލޭނެ ވަރަށްވުރެ ބޮޑު މިންވަރެއް ކަމަށެވެ. ރައީސް ޞާލިޙު ވިދާޅުވީ، އިނގިރޭސި ވިލާތާއި ޔޫރަޕިއަން ޔޫނިއަންއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ޤާއިމް ކުރުމުގެ މަސައްކަތް ކާމިޔާބުވާނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.

"ސަރުކާރުގެ މަސް ކުންފުނިތަކުން މަސްވެރިންނަށް ދޭންޖެހޭ 68 މިލިއަން ރުފިޔާ އިއްޔެ ވަނީ މަސްވެރިންނަށް ފިނޭންސް މިނިސްޓްރީން ދޫކޮށްފައި. އަޅުގަނޑު އުއްމީދު ކުރަނީ، ކުރިއަށް މިއޮތް ދެތިން ދުވަހެއްގެ ތެރޭގައި މަސްވެރިންނަށް އެ ފައިސާ ލިބޭނެ ކަމަށް. ހަމައެއާއެކު ބައިނަލްއަޤްވާމީ ބާޒާރުގައި ރާއްޖޭގެ މަހަށް މިހާރަށްވުރެ ރަނގަޅު އަގެއް ހޯދުމަކީ ވެސް މި ސަރުކާރުން ކުރަން ނިންމާފައިވާ ވަރަށް މުހިއްމު ކަމެއް. އަވަށްޓެރި ބައެއް ޤައުމުތަކުން އެއްވެސް ޑިއުޓީއެއް ނެތި މަސް ބޭރު ކުރަމުންދާއިރު އަޅުގަނޑުމެންނަށް މަސްބޭރު ކުރެވެނީ 22 ޕަސެންޓުގެ ޑިއުޓީއަކާއި އެކު. މިއީ ރާއްޖެ ފަދަ ނާޒުކު އިޤްތިޞާދަކަށް ތަޙައްމަލު ކުރެވޭ ވަރަށް ވުރެ ބޮޑު ބުރައެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙު ވިދާޅުވީ މަސްވެރިންނަށް ރަނގަޅު އަގެއް ދިނުމަށް މިފްކޯއިން އަންނަނީ ގެއްލުމުގައިވެސް އެ ކުންފުނި ހިންގަމުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުންފުނީގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޞާލިޙު ވިދާޅުވީ ގެއްލުމުގައި ހިންގާ ކުންފުންޏެއްގެ ގޮތުގައި މިފްކޯ އަބަދަކު ނުހިންގޭނެ ކަމަށެވެ. އަދި އެއީ މަސްވެރިކަމުގެ ސިނާޢަތަށް އެންމެ މަންފާހުރި ގޮތެއްވެސް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ.

"މި ސަރުކާރުގެ އަމާޒަކީ މިފްކޯއަކީ ފައިދާއާ އެކު ހިނގާ ކުންފުންޏަކަށް ބަދަލު ކުރުން. އަޅުގަނޑުމެން މިދަނީ އެކަމުގެ މަޝްވަރާތައް ކުރަމުން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި މިފްކޯއަކީ ފައިދާ ކުންފުންޏެއްގެ ގޮތުގައި އަޅުގަނޑުމެން ހަދާނަން،" ރައީސް ވިދާޅުވިއެވެ.

މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މަސްވެރިން ކިރުވާ މަހަށް ފައިސާ ލިބިގެން ނުދާކަމަށެވެ. ކްރެޑިޓަށް މަސް ނެގުން ހުއްޓާލައި ވަގުތުން ފައިސާ ލިބޭނެ އިންތިޒާމެއް ހަމަޖެހެންޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަމަށްޓަކައި މިފްކޯގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަޖެހޭ ކަމަށާއި އެގޮތުން އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމަށް މިފްކޯއިން އިތުރު އިންވެސްޓްމަންޓުތަކެއް ގެންނަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.