ސިޔާސީ

އެލްޖީއޭގެ ރައީސްކަމުން ވަކިކުރިވާހަކަ މިނިސްޓަރ ދޮގުކުރައްވައިފި


އެލް.ޖީ.އޭގެ ރައީސް މަޤާމުން ވަކިކޮށްފައިވާކަމަށް އެލް.ޖީ.އޭ ބޯޑުގައި ހިމެނޭ ބައެއް މެންބަރުން ދައްކާފައިވާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ރައީސް އަދި ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.އެބޯޑުގެ ބައެއް މެންބަރުންވަނީ މިއަދު ބޭއްވި ބޯޑު ބައްދަލުވުމެއްގައި ރައީސް މަޤާމުންވަކިކޮށްފައިވާކަމަށް ބުނެފައެވެ. އެހެންނަމަވެސް މިނިސްޓަރ ނާޒިމް ވިދާޅުވީ މިއަދު ހެންދުނު ބައްދަލުވުމެއް ބާއްވާ، ބޯޑުގެ ޖަލްސާއެއް ކުރިއަށްގެންދާނީ ބަނޑާރަ ނައިބުގެ ލަފާގެ މަތިންކަން ކަނޑައެޅުމަށްފަހު، އިތުރު ޖަލްސާއެއް ބާއްވާފައި ނުވާކަމަށެވެ. އަދި ބައެއް މެންބަރުން ދެއްކި ވާހަކަ ތަކަކީ އެލްޖީއޭގައި އަމަލުކުރާ އުސޫލުތަކާ ޚިލާފަށް އަމިއްލަޔަށް ބޭއްވި ޖަލްސާއަކުން ނިންމާފައިވާކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ދައްކާފައިވާ ވާހަކަތަކެއްކަމަށާއި، އެނިންމުމަކީ ސައްޙަ ނިންމުމެއް ނޫންކަމަށެވެ.އެލް.ޖީ.އޭ ބޯޑުގެ ބައްދަލުވުމެއް ދެން ބާއްވާނީ ބައްދަލުވުން ބޭއްވުމާމެދު ބަންޑާރަނައިބު ލަފާދެއްވާ ގޮތެއްގެ މަތިން ކަމަށްވެސް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.މިނިސްޓަރ ވިދާޅުވީ ބޯޑުގެ ރައީސްއާއި ނައިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށައަޅާފައިވަނީ އެބޯޑު ގެ މެންބަރު ޝުޖާޢު ހުސެއިންގެ އަޙްލާޤީ މައްސަލަ ބޯޑުން އެކުލަވާލި ކޮމިޓީއަކުން ބަލަންފެށުމުން ކަމަށެވެ. އަދި ބޯޑުގައި ހިމެނިވަޑައިގަންނަވާ ބައެއް މެންބަރުން ސަރުކާރުގެ ސިޔާސަތުތަކާ ސީދާ ދެކޮޅުހަދާތީ އެލް.ޖީ.އޭގެ މަސްޢޫލިއްޔަތު އަދާކުރުމަށް ދަތިތަކާ ކުރިމަތިވަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.މިއަދު ހެނދުނު ބޭއްވި އެލް.ޖީ.އޭ ބޯޑުގެ ބައްދަލުވުމުގެ އެޖެންޑާއާމެދު މެންބަރުންގެ މެދުގައި ޚިޔާލުތަފާތު ވުމުގެސަބަބުން ބައްދަލުވުން ނިނަމާލަން ޖެހުމާއެކު އެކަމާމެދު އަމަލުކުރާނެ ގޮތާމެދު ބަންޑާރަނައިބުގެ ލަފާއަކަށް ވަނީ އެދިވަޑައިގެންފައެވެ. އެލް.ޖީ.އޭގެ ރައީސް އަދި ޑިފެންސް މިނިސްޓަރ ގެ އިތުރުން އެކްޓިންގ ހެލްތް މިނިސްޓަރ ކަންވެސް ކުރައްވާ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެބޯޑަށް ހުށައަޅާފައިވަނީ މާލޭ ސިޓީކައުންސިލް ތަމްސީލް ކުރައްވާ މެންބަރު ޝުޖާޢު ހުސެއިން މި މައްސަލަ ކުރިން ބޭއްވި ބޯޑު ޖަލްސާއެއްގެ އެޖެންޑާގަވެސްވަނީ ހިމަނާފައެވެ. އެހެންނަމަވެސް ބޯޑު މެންބަރުންގެ އަޣުލަބިއްޔަތުން އެޖަލްސާގެ އެޖެންޑާއިންވަނީ އެމައްސަލަ ނަގާފައެވެ.ޝުޖާޢު މިފަދަ މައްސަލައެއް ހުށައަޅާފައިވާއިރު އޭނާގެ ސުލޫކީ މައްސަލައެއްވެސް އެލް.ޖީ.އޭ ބޯޑުން ދަނީ ބަލަމުންނެވެ.