ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށް، ބަލިވާ ކެނޑިޑޭޓުން އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓްގައި އިންތިޚާބުގައި ވާދަކުރެވޭގޮތަށް ހުށައެޅި އިޞްލާހަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެކޮޅު ހައްދަވައިފިއެވެ.
އެ އިޞްލާޙަށް ދެކޮޅު ހައްދަވާ އެމަނިކުފާނު ވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޮއިންޓު ޕާލިމަންޓްރީ ގްރޫޕަށް އެ އިޞްލާޙު ފާސްކުރުމަށް ދެކޮޅު ހައްދަވާ މެސެޖެއް ފޮނުއްވާފައެވެ. ނަޝީދު ވިދާޅުވީ އެ އިޞްލާޙު ފާސްކޮށްފި ނަމަ "ޕާޓީ ނިޒާމު ގަޑުބަޑުވާނެ" ކަމަށެވެ. އަދި ބިލަށް ބަލައިގަތުމަށް ވޯޓު ދެއްވާ މެންބަރުންގެ އިޚްލާސްތެރިކަމާއި މެދު ސުވާލު އުފެދޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މި އިޞްލާހަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެކޮޅު ހައްދަވާއިރު އިޞްލާޙަށް ބަހުސް ކުރެއްވި އެމްޑީޕީގެ މެންބަރުންވެސް ވަނީ އިޞްލާހަށް ވަރަށް ބޮޑަށް ދެކޮޅު ހައްދަވާ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީން ފެއިލްވުމުން އަލުން އެ އިންތިޚާބެއްގައި ވާދަކޮށްފިނަމަ އެ ޕާޓީއަކަށް އެ ދާއިރާގެ އިންތިޚާބު ކާމިޔާބުކުރުމަށް ހުރަސްއެޅޭ ކަމަށެވެ. އަދި އެއީ ޕާޓީގެ ޑިމޮކްރަސީއާއި ޤައުމުގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް ކުރާ މަސައްކަތްތަކަށް ގެއްލުންހުރި ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަތީފު މުޙައްމަދު ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ހުށައެޅި އިސްލާހަކީ، ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށް، ބަލިވާ ކެނޑިޑޭޓުން އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓްގައި އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް އޮތް އޮތުން އުވާލުމަށް ހުށައެޅި އިސްލާހެކެވެ. 23 ނޮވެމްބަރ 2016ގައި ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ހުށަހެޅި އިޞްލާޙު މަޖިލީހުން ފާސްކުރިއިރު އިޞްލާޙުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށްފައިވާ ކެނޑިޑޭޓަކު އެހެން ހައިސިއްޔަތަކުން އިންތިޚާބުގައި ވާދަ ނުކުރެވޭނެކަމަށެވެ. ޢަބްދުއްލަޠީފް ހިމެނޭގޮތަށް ޕީޕީއެމްގެ ގިނަ މެންބަރުންގެ ތާޢީދާއެކު ފާސްކުރި މި އިސްލާޙަށް އެމްޑީޕީގެ މެންބަރުން ކުރިން ދެކޮޅު ހެދިއެވެ.
މި އިޞްލާޙަށް ނަޝީދު ދެކޮޅު ހެއްދެވި ނަމަވެސް އިޞްލާޙު ބަލައިގަތުމަށް މަޖިލީހުން މިހާރު ވަނީ ނިންމާފައެވެ. އަދި ބިލް އިތުރަށް ދިރާސާ ކުރުމުގެ މަސައްކަތް ކޮމެޓީން އަންނަނީ ކުރަމުންނެވެ.