ޚަބަރު

ހުޅުމާލެއިން ދިން ބިމުގެ ހެޑްލީސް އެއްބަސްވުން އަލުން އިޔާދަކޮށްދިނުމަށް އެފްއޭއެމްއިން އެދިއްޖެ


2022 ވަނަ އަހަރު ފުޓްބޯޅަ ތަރައްގީކުރުމަށް ހުޅުމާލެއިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދިން ބިމުގެ އެއްބަސްވުން ބާތިލުކޮށްފައިވާއިރު، ހެޑްލީސް އެއްބަސްވުން އަލުން އިޔާދަކޮށްދިނުމަށް ނޯމަލައިޒޭޝަން ކޮމިޓީން އެދިއްޖެއެވެ.

އެފްއޭއެމްއިން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުގެ އާބާދީ އިތުރުވަމުންދާ މިންވަރަށް ބަލާއިރު އަދި ޖާގައިގެ ދަތިކަން ހުރިގޮތުން ފުޓްބޯޅައިގެ ބޭނުމަށް ދޫކޮށްފައިވާ މިފަދަ ބިމެއް ގެއްލިގެން ދިއުމަކީ ފުޓްބޯޅައަށް ލިބޭ ވަރަށްބޮޑު ގެއްލުމެއް ކަމަށްވާތީ އެކަމާއިމެދު ނޯމަލައިޒޭޝަން ކޮމިޓީން ކަންބޮޑުވާކަމަށެވެ.

އެ ބިން ސަބްލީސްކޮށް ފައިސާ ނަގާ އޭގެތެރެއިން ގިނަ އަދަދެއްގެ ފައިސާ އެފްއޭއެމްގެ އެކައުންޓަށް ޖަމާކޮށްފައިނުވާއިރު އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ އެޗްޑީސީން ވަނީ އެއްބަސްވުން އުވާލާފައެވެ.

އެހެންކަމުން މި އެއްބަސްވުމުގެ ދަށުން ބިން ދޫކުރުމުގެ މަގްސަދަކީ ވިޔަފާރިކުރުން ނޫން ކަމަށާއި މިއީ ފުޓްބޯޅައިގެ ބޭނުމަަށް އިޖުތިމާއީގޮތުން މުހިންމު ކަމެއްކަމަށް ދެކިގެން ދޫކޮށްފައިވާ ބިމެއް ކަމަށްވާތީ ހެޑްލީސް އަލުން އިޔާދަކޮށްދިނުމަށް އެދި ނޯމަލައިޒޭޝަން ކޮމިޓީގެ ފަރާތުން މިހާރު އެދިފައިވާނެ ކަމަަށް އެފްއޭއެމުން ބުންޏެވެ.

ފުޓްބޯޅަ ތަރައްޤީކުރުމުގެ ބޭނުމުގައި 2022 ވަނަ އަހަރު 230،000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިދީ އެފްއޭއެމާއި އެޗްޑީސީ އާއިއެކު ވެފައިވާ އެއްބަސްވުމަށް އެފްއޭއެމުން ވަނީ ބަދަލު ގެނެސްފައެވެ.

އެފްއޭއެމްއަށް ހުޅުމާލެއަށް ދީފައިވާ ބިމުގެ ތެރެއިން 28،000 އަކަފޫޓް ވިޔަފާރި ބޭނުމަށް ސަބްލީސްކޮށް ކުއްޔަށްދެވޭ ގޮތަށް އެފްއޭއެމުން ނިންމައިފިއެވެ.

އެއްބަސްވުމުގެ މުއްދަތު 40 އަހަރަށް އިތުރުކޮށް ސަބްލީސް ކުރާ އަކަފޫޓަކަށް 10 ރުފިޔާގެ ރޭޓުން އެފްއޭއެމުން އެޗްޑީސީއަށް ކުލި ދައްކަން ޖެހޭ ގޮތަަށް އޭރު ވަނީ ހަމަޖައްސާފައެވެ.

އެބިމުގެ ބައިތައް 15 ފަރާތަކަށް ކުށްޔަށްދޫކޮށްފައިވާއިރު އެ ސަބްލީސްތައް ކޮށްފައިވަނީ އެފްއޭއެމަަށް ފައިދާއެއް ނުލިބޭ ގޮތަށް އިއުލާނުކުރުމެއް ނެތި ބިޑް ނުކޮށް ކަމަށް އެފްއޭއެމުން ބުނެއެވެ.

ބައެއް ޕްލޮޓްތައް 25 އަހަރަށް ކުއްޔަަށްދޫކޮށްފައިވާއިރު އަނެއްބައި ބިންތައް 40 އަހަރަށް ކުއްޔަަށްދޫކޮށްފައިވާ ކަމަށާއި ބައެއް ސަބްލީސްތަކުގެ މުއްދަތު ހެޑްލީސްއަށްވުރެ އިތުރަށް ދޫކޮށްފައިވާކަމަށްވެސް އެފްއޭއެމްއިން ބުނެއެވެ.

އެހެންކަމުން އެއްބަސްވުންތައް ހެދިފައިވާގޮތް އިތުރަށް ބަލާ ފައިސާއަށްވެފައިވާގޮތް އޮޅުންފިލުވުމަށްޓަކައި ތަފްސީލީ އޮޑިޓެއް ހެދުމަށް އެފްއޭއެމުން ވަނީ ނިންމާފައެވެ.

އެންމެފަހުން ބޭއްވި ކޮންގްރެސްގައިވެސް އެފްއޭއެމުން ބުނެފައިވަނީ އެ ބިމުގެ މައްސަލަ އެޗްޑީސީ އާއި އަލަށް އިންތިހާބުކުރާ އެފްއޭއެމްގެ ހިންގާ ކޮމިޓީން މަޝްވަރާކޮށްގެން ހައްލުކުރަން ޖެހޭކަމަށް ދެކޭކަމަށެވެ.