އަތޮޅުތައް

ހއ.އަތޮޅުގައި ޓްރާންސްޕޯޓް މިނިސްޓްރީން ދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި


ޓްރާންސްޕޯރޓް މިނިސްޓްރީން ހއ. އަތޮޅުގައި ދެމުންދާ ޚިދުމަތްތައް އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން އެއަތޮޅު ކައުންސިލުން ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާއާ މަޝްވަރާ ކުރައްވައިފިއެވެ.

ހއ. އަތޮޅު ކައުންސިލް އިދާރާގެ އިސްވެރިން ޓްރާންސްޕޯރޓް މިނިސްޓަރާއެކު ބޭއްވެވި ބައްދަލުވުމުގައި، އެއަތޮޅުގެ ރަށްރަށުގެ ފަޅު ބައްތިތަކާއި ނެރު ބައްތިތަކާ ގުޅޭގޮތުންނާއި ހއ. އަތޮޅުގެ ބޮޑެތި ރަށްރަށުގައި ސްކޫލް ކުދިންނަށް ބަހުގެ ޚިދުމަތް ދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

މީގެއިތުރުން އެއްގަމު އުޅަނދު ދުއްވުމަށް ނަގަންޖެހޭ ލައިސަންސްގެ އަމަލީ އިމްތިހާން ހަދަން ބޭނުންވާ ޓްރެކެއް ހއ. ދިއްދޫގައި ހެދުމާގުޅޭގޮތުންވެސް މަޝްވަރާ ކުރެވުނުކަމަށް ހއ. އަތޮޅު ކައުންސިލުން ބުނެއެވެ. އަދި ދިއްދޫގައި އެފަދަ ޓްރެކެއް ހެދުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެހީތެރިވެދެއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވަފައިވާކަމަށްވެސް ދިއްދޫ އަތޮޅުކައުންސިލުން ބުނެއެވެ.

ޓްރާންސްޕޯޓް މިނިސްޓަރާއެކު ހއ.އަތޮޅު ކައުންސިލުގެ ފަރާތުން ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލްގެ ނައިބު ރައީސް ޢަލީ ޝަމީމާއި ކައުންސިލްގެ އިތުރު ދެ މެންބަރަކާއި، ހއ. އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓްރ ޖެނެރަލް ޢަބްދުﷲ ޝަފީޤް ބައިވެރިވެފައިވެއެވެ.