ޚަބަރު

ރާއްޖޭގައި ގިނައިން މީހުން މަރުވަނީ ގައިން ގަޔަށް ނާރާ ބަލިތަކުގައި


ރާއްޖޭގައި މީހުން މަރުވާ ނިސްބަތަށް ބަލާއިރު 70 އިންސައްތަ މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގައި ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭ ކުރިއަށްގެންދިޔަ "ނޭޝަންލް ފުޑް ބޭސްޑް ޑަައެޓަރީ ގައިޑްލައިން" އާބެހޭ މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މޫސާ މުރާދު ވިދާޅުވީ، ރާއްޖޭގައި ޒުވާން އުމުރުގައި ތަފާތު ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ ނިސްބަތް އިތުރުވެފައިވާކަމަށެވެ. އެގޮތުން ރާއްޖޭގައި މީހުން މަރުވާ ނިސްބަތަށް ބަލާއިރު 70 އިންސައްތަ މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގައިކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި އާންމުކޮށް މީހުން މަރުވާ ބަލިތަކުގެ ތެރޭގައި ލޭ މައްޗަށްދިއުމާއި، ހަކުރު ބައްޔާއި، ހިތުގެ ބަލީގެ އިތުރުން ސްޓްރޯކާއި، ކެންސަރ ފަދަ ބަލިތައް ހިމެނެއެވެ. ޑރ. މުރާދު ވިދާޅުވީ ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވުމަށް ދިމާވާ ސަބަބަކީ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާއި، ކެއިންބުއިމުގެ އާދަތަކަށް އައިސްފައިވާ ބަދަލުތައް ކަމަށެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލުކުރުމާއި ހަކުރު ގިނައިން އަޅާފައި ހުންނަ ބުއިންތައް ބޭނުންކުރުމަކީ އޭގެ ގެއްލުން ހަށިގަނޑަށް ކުރާނެ ކަމެއްކަމަށްވެސް ޑރ. މުރާދު ވިދާޅުވިއެވެ.

2016 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން 70 އިންސައްތަ ދިވެހިން މަރުވަނީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުންނެވެ. ރާއްޖޭގައި ދުވަހެއް ދުވަހަކަށް ގައިން ގަޔަށް ނާރާ ބަލިތައް އަންނަނީ އިތުރުވަމުންނެވެ.