ޚަބަރު

ކުޅުދުއްފުށީގައި އިސްރަށްވެހިންނަށް ޚާއްޞަ ޕާރކެއް ހަދަނީ


ހދ. ކުޅުދުއްފުށީގައި އިސް ރަށްވެހިންނަށް ޚާއްޞަ ޕާރކެއް ތަރައްޤީކުރުމަށް ޕެންޝަން އޮފީހުން ނިންމައިފިއެވެ.

ހދ. ކުޅުދުއްފުށީގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ކުރިއަށްގެންދިޔަ "އިސްރަށްވެހިންނާއެކު ޕެންޝަން އޮފީސް" ޕްރޮގްރާމްގެތެރެއިން އިއްޔެވަނީ މި މަޝަރޫޢު ރަސްމީކޮށް އިޢުލާންކޮށް، ޕާރކްގެ މަސައްކަތް އިފްތިތާޙްކޮށްފައެވެ.

މި ޕާރކްގައި އިސްރަށްވެހިންނަށް ޚާއްޞަކޮށްގެން ކަސްރަތުކުރުމުގެ ބައެއް ވަސީލަތްތަކާއި ހިތްހަމަޖައްސާލުމުގެ ގޮތުން ތިބެވޭނެ އިންތިޒާމު ހަމަޖެހިފައިހުންނާނެކަމަށް ޕެންޝަން އޮފީހުން ބުނެއެވެ. މި ޕާރކް ހެދުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީގައި ހުންނަ ހދ. ފެމެލީ އެންޑް ޗިލްޑްރެންސް ސާރވިސް ސެންޓަރު ކައިރީގައި އޮންނަ ހުސް ބިމެއްގައެވެ.

"އިސްރަށްވެހިންނާއެކު ޕެންޝަން އޮފީސް"' މިޕްރޮގްރާމަކީ ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހާ ގުޅުވައިގެން، އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކޮށް، އެފަރާތްތަކަށް ދިމާވާ ތަފާތު ގޮންޖެހުންތައް ހައްލުކުރުމަށް އެހީތެރިވެދީ، މިނިވަންކަމާއެކު ދުޅަހެޔޮކަންމަތީ ދިރިއުޅުމަށް މަސައްކަތް ކުރުމަށް ހިތްވަރުދީ އެހީތެރިވުމުގެ ގޮތުން ޕެންޝަން އޮފީހުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އަދި މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އިސްރަށްވެހިންނާ ބައްދަލުކޮށް، ޕެންޝަން އޮފީހުން އެފަރާތްތަކަށް ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަތުމަށް ހިންގާ ޕްރޮގްރާމެއްކަމަށް ޕެންޝަން އޮފީހުން ބުނެއެވެ.

މިއީ ޕެންޝަން އޮފީހުން މިފަދަ ޕްރޮގްރާމެއް ކުރިއަށްގެންދިޔަ ދެވަނަ ފަހަރެވެ. ފުރަތަމަ މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ އައްޑޫ ސިޓީ ގައެވެ.