ޚަބަރު

ޑީސަލުން ނަގާ ޑިއުޓީ ކަނޑާލުމަށް މަޖިލީހުން ފާސްކޮށްފި


ޑީސަލުން ނަގާ ޑިއުޓީ ކަނޑާލަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މި އިޞްލާޙު ފާސްވީ ވޯޓުގައި ބައިވެރިވި 60 މެންބަރުންގެ ވޯޓުންނެވެ.

ސަރުކާރުގެ ފަރާތުން ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުސްޠަފާ ހުށައެޅި މި ބިލުގައި ވަނީ، ޑީސަލުން ޑިއުޓީ ކަނޑާލަނީ ރާއްޖޭގައި މަސްވެރިކަމަށް ނުކުންނަ ފަރާތްތަކުން ކުރަންޖެހޭ ޚަރަދު ކުޑަކޮށްދިނުމާއި ކަރަންޓުގެ ޚިދުމަތުން ނަގާ އަގު މިހާރަށްވުރެ ހެޔޮކޮށްދިނުމަށްކަމަށެވެ.

ރާއްޖެއަށް އެތެރެކުރާ ޑީސަލުން މިހާތަނަށް އައީ 10 އިންސައްތައިގެ އިމްޕޯޓް ޑިއުޓީއެއް ނަގަމުންނެވެ. ޑީސަލުން ނަގާ ޑިއުޓީ ކަނޑާލުމުން ދައުލަތަށް ލިބޭ އާމްދަނީން 450 މިލިއަން ރުފިޔާ ކުޑަވެގެންދާނެއެވެ.

މަސްވެރިންނަށް އަގު ހެޔޮކޮށް ޑީސަލް ފޯރުކޮށްދިނުމާއި، ކަރަންޓުގެ އަގު ހެޔޮކޮށްދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞަލިޙްގެ ރިޔާސީ ވަޢުދެކެވެ. އެގޮތުން ޑީސަލުން ނަގާ އިމްޕޯޓް ޑިއުޓީ ކަނޑާލުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.