ޚަބަރު

މ.މުލީ ބިން ހިއްކުމުގެ މަސައްކަތް ވަގުތީ ގޮތުން މެދުކެނޑިފައި


މ.މުލީ ބިން ހިއްކުމުގެ މަސައްކަތް ވަގުތީ ގޮތުން މެދުކެނޑިފައިވަ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.ކައުންސިލްގެ ނައިބް ރައީސް އަހްމަދު ޝާތިރު ވިދާޅުވީ، ބިން ހިއްކަން ވެލި ނަގަން ކަނޑައަޅާފައިވާ ސަރަހައްދު ވެލި ނުނެގޭ ކަމަށް ބުނެ މަސައްކަތް ހަވާލު ކޮށްފައިވާ މެލޭޝިއާގެ ކުންފުނިން މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ. އަދި ވެލި ނެގުމަށް ދެވަނަ އޮޕްޝަނެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުން ވެލި ނެގުމުގެ ހުއްދަ ހޯދުމަށް އެމްޓީސީސީ އާއި ހައުސިން މިނިސްޓްރީއާއެކު މިހާރު ވާހަކަ ދައްކަމުންދާ ކަމަށްވެސް ޝާތިރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޑިސެމްބަރ މަހުގެ 30 ވަނަ ދުވަހު ބިން ހިއްކަން ފަށާފައިވާއިރު މިހާރު ވެލި އެޅިފައިވަނީ 100 ވަރަކަށްފޫޓަށް ކަމަށެވެ.މުލީ ބިންހިއކުމަށް ވެލި ނެގުމަށް އޮޕްޝަން އޭ އެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މުލީ ކައިރީ އޮންނަ ފަޅުރަށެއްގެ ވިލުތެރެއެވެ. އަދި އޮޕްޝަން ބީ އެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، އެ ފަޅުރަށާއި މުއްޔާ ދޭތެރެއެވެ. އަދި މީގެ އިތުރުން އޮޕްޝަން ސީ އެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، މުލީގެ ދެކުނުކޮޅުން ހުޅަންގުފަރާތު ވިލު ތެރެ ކަމަށްވެސް ކައުންސިލުން މައުލޫމަތުދެއެވެ.ފަސް މަސް ދުވަސް ތެރޭގައި ނިންމާ ގޮތަށް މުލީ ބިން ހިއްކުން މެލޭޝިއާގެ ކުންފުންޏަކާއި ހަވާލު ކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ. 40 ހެކްޓަރުގެ ބިން ހިއްކުމަށް މެލޭޝިއާގެ ކުންފުންޏާ އެ މަސައްކަތް ހަވާލު ކޮށްފައިވަނީ 99 މިލިއަން ރުފިޔާއަށެވެ.