ޚަބަރު

"ނޭޝަނަލް ފުޑް ބޭސްޑް ޑަައެޓަރީ ގައިޑްލައިން"ގެ މަޢުލޫމާތު ހިއްސާކޮށްފި


ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ކެއުން ބައްޓަން ކުރަންވީގޮތާ ބެހޭގޮތުން އެކުލަވާލާފައިވާ "ނޭޝަނަލް ފުޑް ބޭސްޑް ޑަައެޓަރީ ގައިޑްލައިން"ގެ މަޢުލޫމާތު ހިއްސާކޮށްފިއެވެ.

ސަރުކާރުގެ އެކި މުވައްސަސާ ތަކާއި، ކުންފުނިތަކާއި މީޑިއާއަށް ޚާއްޞަކޮށްގެން މި ގައިޑްލައިންއާ ބެހޭގޮތުން މަޢުލޫމާތުދިނުމަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން މިއަދު ވަނީ ޚާއްޞަ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒުހައިރު ބައިވެރިވެވަޑައިގެންނެވިއެވެ.

އެޗްޕީއޭ އިން ބުނީ "ނޭޝަންލް ފުޑް ބޭސްޑް ޑަައެޓަރީ ގައިޑްލައިން" އެއް އެކުލަވާލުމުގެ އެންމެ ބޮޑު މަޤްޞަދަކީ ރާއްޖޭގެ އާބާދީގެ ނިއުޓްރިޝަންގެ ހާލަތު ރަނގަޅުކޮށް، މިހާރު ރާއްޖޭގައި ހަލުވި ކަމާއެކު އިތުރުވަމުންދާ ގައިންގަޔަށް ނާރާ ބަލިތަކުން މުޖުތަމަޢު ރައްކާތެރި ކުރުން ކަމަށެވެ.

މިއީ ރާއްޖެގައި"ނޭޝަންލް ފުޑް ބޭސްޑް ޑަައެޓަރީ ގައިޑްލައިން"އެއް އެކުލަވާލި ފުރަތަމަ ފަހަރެވެ. މި ގައިޑްލައިންގައި، ތަފާތު ބާވަތްތަކުގެ ފައިދާހުރި ކާނާ ބޭނުންކުރުމުގެ މުހިންމުކަމާއި ކެއުމުގައި މަދުކުރަންވީ ބައިތަކާ ބެހޭ މަޢުލޫމާތު ހިމަނާފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މި ނޫންވެސް ސިއްޙަތާ ގުޅުންހުރި މުހިންމު މަޢުލޫމާތުތަކެއް މި ގައިޑްލައިންގައި ހިމަނާފައިވާނެކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

މި ބައްދަލު ވުމުގައި ހެލްތް މިނިސްޓްރީގެ އިސް ފަރާތަކާއި ސްރީލަންކާގެ ނިއުޓްރިޝަން ސޮސައިޓީގެ ބޭފުޅަކުވެސް ބައިވެރިވެފައިވެއެވެ.