ޚަބަރު

އެޑިއުކޭޝަން މިނިސްޓަރ ގއ. ގެމަނަފުށީ ސްކޫލުގެ ހާލަތު ބައްލަވާލެއްވުން


އެޑިއުކޭޝަން މިނިސްޓަރު، ޑރ. އައިޝަތު ޢަލީ ގއ. ގެމަނަފުއްޓަށް ވަޑައިގެން އެރަށު ސްކޫލުގެ ހާލަތު ބައްލަވާލައްވައިފިއެވެ.

މިނިސްޓަރ ޑރ.ޢައިޝަތު ޢަލީ ގެމަނަފުއްޓަށް ވަޑައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މިނިސްޓަރ ގެމަނަފުއްޓަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުން ވަނީ އެކަމަނާއަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

އެޑިއުކޭޝަން މިނިސްޓަރ ގެމަނަފުށީ ސްކޫލަށް ކުރެއްވި ޒިޔާރަތުގައި ވަނީ، އެ ސްކޫލުގެ އިސް މެނޭޖްމަންޓާއި މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި މިނިސްޓަރ ވަނީ ޓީޗަރުންނާއި މުވައްޒަފުންނަށް ދިމާވާ ދަތިތަކާއި ހުރި ކަންބޮޑުވުންތައް އޮޅުން ފިލުއްވާފައެވެ.

އެޑިއުކޭޝަން މިނިސްޓަރު ގެމަނަފުއްޓަށް ވަޑައިގެންފައިވަނީ، އެރަށުގައި ފާހަގަކުރަމުންދާ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޙަފްލާގައި ބައިވެރިވެވަޑައިގަތުމަށެވެ. މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މިރޭ ގެމަނަފުށީގައި ބާއްވާ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.