ޚަބަރު

ދަޢުލަތް ހަމަމަގުން ދާން އެދޭނަމަ މިނިވަން ނޫސްވެރިކަމަށް ޖާގަ ދިނުމަށް ރައީސް ގޮވާލައިފި


ދަޢުލަތް ހަމަ މަގުން ދާން އެދޭނަމަ ސަރުކާރުގެ ހުރިހާ މުޢައްސަސާއަކުންވެސް މިނިވަން ނޫސްވެރިކަމަށް ޖާގަ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ގޮވާލައްވައިފިއެވެ.

ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ އަލިމަސްޔޫބީލް ފާހަގަ ކުރުމަށާއި ނޫސްވެރިކަމުގެ މިދިޔަ އަހަރުގެ އިނާމުތައް ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި ހޯމް މިނިސްޓްރީ ގުޅިގެން ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙު ނޫސްވެރިން ފާޅުކުރާ ޚިޔާލުތަކާއި ކިޔާ ފާޑުކިޔުންތަކަކީ ސަރުކާރަށް ހުރި ނުރައްކަލެއް ކަމަށް ދެކެވަޑައިނުގަންނަވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ނޫސްވެރިންގެ ފާޑުކިއުންތަކަކީ އެމަނިކުފާނު ސަރުކާރުގެ ދިރުން ކަމަށެވެ. ސަރުކާރުގެ އައިބުތައް ދެނެގަނެވޭނީ ނޫސްވެރިންގެ ލޯގަނޑުން ސަރުކާރުގެ ފަސްބައި ބެލިވަރަކަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިނިވަން ނޫސްވެރިކަމުން ސަރުކާރަށް އުނދަގޫތަކެއް ކުރިމަތިވާ ކަމަށް އިޙްޞާސް ކުރެވޭނަމަ އެކަމުގެ ހަމައެކަނި ޙައްލަކީ ލޯމަރާލައިފައި ނަމަވެސް ނޫސްވެރިކަމަށް އިތުރު މިނިވަންކަމެއް ދިނުން. މިނިވަން ނޫސްވެރިކަމަކީ ޚިޔާލުފާޅު ކުރުމުގެ އެއް އަސާސް. އެ ޙަޤީގަތް ޤަބޫލުކުރާ ޙާލު އަޅުގަނޑުމެން ވެރިކަމާ ޙަވާލުވީ ސަރުކާރުގެ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މީޑިއާއެއް ޤާއިމް ކޮށްދޭނެ ކަމުގެ ވަޢުދާއިއެކު،" ރައީސް ޞާލިޙު ވިދާޅުވިއެވެ.

ނޫސްވެރިންގެ އެންމެ މުހިއްމު އެއް މަސްލަޙަތަކީ ޤައުމުގެ މަސްލަޙަތު ކަމަށާއި ނަމަވެސް ވޭތުވެދިޔަ ފަސް އަހަރު ދަޢުލަތުގެ ކަންކަން ގަޑުބަޑުވެގެން ދިޔައިރު އެކަންކަން ހާމަ ކުރުމުގެ ޒިންމާ ނޫސްވެރިން ނުނެގިނަމަ މިއަދުވެސް ރާއްޖެ އޮންނާނީ ހަމަ އެ ޙާލަތުގައި ކަމަށް ރައީސް ޞާލިޙުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ޤާނޫނުތައް ހަދައިގެން ނޫސްވެރިންނަށް ބިރު ދައްކަމުން ދިޔައިރުވެސް ނޫސްވެރިން މަސައްކަތް ކުރީ ޤައުމުގެ ޙައްޤުގައި ކަމަށް ރައީސް ވިދާޅުވިއެވެ. ޤާނޫނަކުން ބާރު ނުލިބި ޤާނޫނީ ޙިމާޔަތެއް ނެތި ނޫސްވެރިން އެދުވަހު ކުރި މަސައްކަތަކީ ނޫސްވެރިންނަށް ކުރުނީސް ކުރަންޖެހޭ ވަރުގެ ޢަމަލެއް ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.

"ސަރުކާރުގެ ފަސާދައާ ކޮރަޕްޝަނާއި މެދު ރައްޔިތުން ހޭލުންތެރި ކުރުވުމަށް ކުރި މިންނެތް މަސައްކަތައް ސާބަސް ރައްދު ކުރަން. ހެޔޮވެރިކަމަކަށް ޤައުމު ބަދަލުވެއްޖެކަން ރައްޔިތުންނަށް ޤަބޫލުކުރެވުނީ ނޫސްވެރިން އޭރުކުރި މަސައްކަތުން. ޤާނޫނަކުން ބާރު ނުދިނަސް ނޫސްވެރިކަމަކީ ދަޢުލަތުގެ ހަތަރުވަނަ ބާރު. އަދި އެންމެ ނުފޫޒު ގަދަ ބާރުވެސްމެ. ވީއިރު ނޫސްވެރިކަން ހިފެހެއްޓުމަށްޓަކައި ޤާނޫނީ ބަނދެވުންތަކެއް އޮންނަންޖެހޭ ކަމަކަށް އަޅުގަނޑެއް ނުދެކެން،" ރައީސް ޞާލިޙުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު ދެމިއޮންނާނީ ދިވެހި ނޫސްވެރިންނާއި އެކުގައި ކަމަށެވެ. އަދި ސަރުކާރު ހިންގާނީ ބިނާ ކުރުވަނިވި ފާޑުކިއުންތަކާއި އެކުގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ޙައްޤުތައް ކަށަވަރު ކޮށްދިނުމަށްޓަކައި ނޫސްވެރިކަމާއި ނުލައި ސަރުކާރެއް އޮތުމަށްވުރެ ސަރުކާރަކާއި ނުލައި ނޫސްވެރިކަން އޮތުންވެސް މާ ރަނގަޅު ކަމަށެވެ.