ޚަބަރު

ތިމާވެށި ހިމާޔަތްކުރުމަށް ވިޔަފާރިވެރިން ތެދުވަންވެއްޖެ - އެންވަޔަރަމަންޓް މިނިސްޓަރ


ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި ވިޔަފާރިވެރިންގެ ދައުރު މުހިންމުކަމަށާއި މިކަމުގައި ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރ ވެސް ޝާމިލުކުރަންޖެހޭކަމަށް އެނަވަޔަރަމަންޓް މިނިސްޓަރ ޙުސެއިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިހާރުކުރިއަށްދާ ދުނިޔޭގެ ތިމާވެށީގެ އެންމެ ބޮޑު ސަމިޓު، ކޮޕް-24 ތަގުރީރުކުރައްވަމުންނެވެ.

ކުދި ޖަޒީރާ ޤައުމުތަކުގެ ފަރާތުން ކޮޕް-24 ގައި ތަގުރީރުކުރައްވަމުން މިނިސްޓަރ އޮފް އެނަވަޔަރަމަންޓް ޙުސެއިން ރަޝީދު ޙަސަން ވިދާޅުވީ ދުނިޔެއަށް ދިމާވަމުންދާ ތިމާވެށީގެ ނުރައްކާތައް އިތުރުވެފައިވާއިރު މިއީ މުޅި ދުނިޔެއިންވެސް މިކަމަށް ޙައްލު ހޯދުމަށް ޢަމަލީ މަސައްކަތްކުރަންވީ ވަގުތުކަމަށެވެ. އެގޮތުން މިކަމުގައި މާލީ ގޮތުން ހުރި ގޮންޖެހުންތައް އެބަހުރިކަމަށާއި އެކަންކަން ހައްލުކުރުމަށް ވިޔަފާރިތަކުން އިސްނަގައި މަސައްކަތްކުރަން ފަށަންވެއްޖެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ތިމާވެށީގެ ދާއިރާއިން ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ސަމިޓް، ކޮޕް-24 ގައި ތަގުރީރުކުރައްވަމުން އެންވަޔަރަމަންޓް މިނިސްޓަރ ވަނީ މިއަހަރުގެ އޮކްޓޯބަރު މަހު ދުނިޔެ ހޫނުވުމާ ގުޅޭގޮތުން ސައިންވެރިން ނެރެފައިވާ "އައިޕީސީސީ" ގެ ރިޕޯޓްގައި ވާ ކަންކަމަށާއި، ޚާއްޞަ ގޮތެއްގައި ކުދި ޤައުމުތަކަށް މިކަމުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވާފައެވެ.

ދުނިޔެ ހޫނުވުމުގެ ސަބަބުން ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ނުރައްކާ އެންމެ ފުރަތަމަ ކުރިމަތިވާނެ ބަޔަކީ ޖަޒީރާ ޤައުމުތައްކަން މިނިސްޓަރ ވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ. އަދި މިކަމުގައި ޢަމަލީ މަސައްކަތްކުރުމުގެ ވަގުތު ޖެހިއްޖެކަމަށާއި އެކަމުގައި މުޅި ދުނިޔެއިން އެއްބާރުލުން ދިނުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.