ޚަބަރު

އެއޯސިސްގެ ރިޔާސަތު ރާއްޖެއިން ބްލެއިޒްއާ ރަސްމީކޮށް ހަވާލުކޮށްފި


ކުދި ޖަޒީރާ ގައުމުތަކުގެ ޖަމިއްޔާ، އޭލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) ގެ ރިޔާސަތު ބެލެހެއްޓުން ދިވެހި ރާއްޖެއިން އެމެރިކާ ބައްރުގެ ޤައުމެއްކަމަށްވާ ބްލެއިޒްއާ ރަސްމީކޮށް ހަވާލޮކޮށްފިއެވެ.

ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް، ކޮޕް 24 ސަމިޓުގެ ހަވާސާގައި ބޭއްވި ޤައުމުތަކުގެ ވަޒީރުންގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އެއޯސިސްގެ ރިޔާސަތުގެ ބްލެއިޒްއާ ރަސްމީކޮށް ހަވާލުކޮށްދެއްވީ، މިނިސްޓަރ އޮފް އެންވަޔަރަމެންޓް ޑރ. ޙުސައިން ރަޝީދު ޙަސަނެވެ.

އެއޯސިސް އަކީ ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅޭގޮތުން ރާއްޖޭގައި 1989 ގައި ބޭއްވި ކުދި ޤައުމުތަކުގެ އެންމެ ފުރަތަމަ ކޮންފަރެންސްއަށްފަހު ރާއްޖެއިން އިސްނަގައިން އުފެއްދި ބައިނަލްއަޤްވާމީ ޖަމިއްޔާއެކެވެ.
ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި ދުނިޔޭގެ ތިމާވެއްޓަށް ކުރާ ނޭދެވެ އަސަރުތަކުގެ ސަބަބުން ރާއްޖެއިން އިސް ނަގައިން އެތައް މަސައްކަތްތަކެއް ކުރަމުންދާއިރު، އެއޯސިސްގެ ޗެއަރގެ ޙައިޞިއްޔަތުން ރާއްޖެއިން ވަނީ އެޖަމިއްޔާ އިތުރަށް ވަރުގަދަކޮށް، ތިމާވައްޓާ ގުޅޭ ކަންކަމުގައި ބައިނަލްއަޤްވާމީ ގިނަ ޕްލެޓްފޯމްތަކުގައި އަޑު އުފުލާފައެވެ.

އެއޯސިސްއަކީ ތަރައްޤީއާއި ތިމާވެށީގެ ކަންކަމުގައި ޚިޔާލު އެއްގޮތް ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ގައުމުތަކުގެ މެދުގައި އުފެދިފައިވާ ޖަމާއަތެކެވެ. އަދި އެ ޖަމިއްޔާގެ މައިގަނޑު މަސައްކަތަކީ އދ. ގައި ހިމެނޭ ސްމޯލް އައިލެންޑް ޑިވަލޮޕިންގ ސްޓޭޓްސް، ސިޑްސްގެ މަސައްކަތްތަކުގައި އދ. ގެ ސިސްޓަމުގެ ތެރޭގައި ވަކާލާތުކުރުމެވެ.

އެއޯސިސްގެ ރިޔާސަތުގެ މުއްދަތު ރާއްޖެއަށް މިއަހަރުގެ ނިޔަލަށް ހަމަވާއިރު ބްލެއިޒްއަށް ރިޔާސަތު ހަވާލުކޮށްފައިވަނީ 2019 އަހަރުން ފެށިގެން 2022 ވަނަ އަހަރާއި ހަމައަށެވެ.