ޚަބަރު

ވަށާޖެހޭ ތައުލީމީ ނިޒާމުގައި އެމްއެމްއައިގެ ދައުރު މުހިންމު - ސްޓޭޓް މިނިސްޓަރ


ވަށާޖެހޭ ތައުލީމީ ނިޒާމު ފުރިހަމަކުރުމަށްޓަކައި ޕަބްލިކް ސަރވިސް މީޑިއާގެ، މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް މުހިންމު ދައުރެއް އަދާކުރާކަމަށް އެޑިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފާތިމަތު ނަޞީރު ވިދާޅުވެއްޖެއެވެ. ސްޓޭޓް މިނިސްޓަރ މިހެން ވިދާޅުވީ އެމްއެމްއައިއިން ސްކޫލް ބަންދުގައި ކުރިއަށްގެންދިޔަ ކޯސްތައް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ކްރިއޭޓިވް އާރޓްސްގެ ދާއިރާއިން ތަފާތު ގިނަ ކޯސްތަކެއް ހިންގަމުންގެންދާ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން ސްކޫލް ޗުއްޓީއާ ދިމާކޮށް ބޭއްވި "ސްކޫލް ހޮލިޑޭ ކްރިއޭޓިވް އެކްސްޓްރަވަގެންޒާ" ގެ ދަށުން ކުރިއަށްގެންދިޔަ ކޯސްތައް 104 ދަރިވަރުން ފުރިހަމަކޮށްފައިވެއެވެ.

މި ޕްރޮގްރާމުގެ ދަށުން ސްކޫލް ޗުއްޓީ ތެރޭގައި، މީޑިއާއާއި ކްރިއޭޓިވް އާޓްސްގެ ދާއިރާއިން 9 ކޯހެއް ހިންގައި 104 ބައިވެރިން ވަނީ ކޯސްތަށް ފުރިހަމަކޮށްފައެވެ. މި ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދިޔަ ކޯސްތަކުގެ ތެރޭގައި، ކޮރިއޮގްރަފީ ވާރކްޝޮޕަކާއި، ވޮއިސް ލެސަންސް އެންޑް ވޯކަލް ޓްރެއިނިންގ ފޮރ ކިޑްސް ކޯހާއި، ފުރުޓީ ލޫޕްސް ސްޓޫޑިއޯ މިއުޒިކް ޕްރޮޑަކްޝަން ކޯހާއި، ފިލްމްމޭކިންގ ފޮރ ކިޑްސް ކޯހާއި، ސްމާރޓް ފޯނު ފިލްމް މޭކިންގ ކޯހާއި، ސްމާރޓް ފޯނު ފޮޓޯގްރަފީ ކޯހާއި، ރޭޑިއޯ ޕްރެޒެންޓިންގ އެންޑް ޑްރާމާ ވާކްޝޮޕަކާއި، ޓެލެވިޜަން ޕްރެޒެންޓިންގ ވާރކްޝޮޕަކާއި، ނިއުސް ރައިޓިންގ އިން ދިވެހި އަދި ނިއުސް ރައިޓިންގ އިން އިންގްލިޝް ކޯސް ހިމެނެއެވެ.

ކޯސްތައް ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިއުކޭޝަން ފާތިމަތު ނަޞީރު ވިދާޅުވީ، ޤައުމަށްފައިދާހުރި އުފެއްދުންތެރި ދަރިންތަކެއް ބިނާކުރުމުގައި މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާކަމަށާއި، އެމްއެމްއައިއަކީ މި އަމާޒަށް ވާޞިލުވުމުގައި މުހިންމު ދައުރެއް އަދާކުރާ އިދާރާއެއްކަމަށެވެ. އެމްއެމްއައިއިން މިފަހަރުގެ ޕްރޮގްރާމްގެ ކޯސްތަށް ފުރިހަމަކުރި ކުދިންނަށް ސްކޫލް މާހައުލުން ދަސްނުވާނެ ގިނަ ކަންތައްތަކެއް ދަސްވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފާތިމަތު ނަސީރު ވިދާޅުވިއެވެ.

"
"އަޅުގަނޑުމެންގެ އަމާޒަކީ ވަށާޖެހޭ ތައުލީމު އަޅުގަނޑުމެންގެ ދަރިންނަށް ފޯރުކޮށްދިނުން. މިއަދު މިނިންމި ކުދިންނަކީ ހަމަގައިމުވެސް ސްކޫލްތަކުގައި މިހާރު މިކިޔާދެވޭ އެއްޗެހީގެ އިތުރުން ތަފާތު އިތުރު ގިނަ މައުލޫމާތުތަކެއް ލިބިފައިވާކުދިންތަކެއް. މިކަމުގެ ސަބަބުން އެމްއެމްއައި ފަދަ ބައެއް ތައުލީމީ ނިޒާމުގައި ވަރަށް މުހިންމު."
ފާތިމަތު ނަޞީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެމްއައިގެ ޑިރެކްޓަރ މުޙައްމަދު ޖިނާހު ވިދާޅުވީ މި ކޯސްތަކަށް އުންމީދުކުރިވަރަށްވުރެ ބޮޑު ތަރުހީބެއް ލިބިގެންދިޔަކަމަށެވެ. އެގޮތުން މި ޕްރޮގްރާމްގެ ދަށުން 9 ކޯހެއްގެ 14 ބެޗް ކުރިއަށްގެންދިއުމަކީ މިކަން ހާމަވާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މި ކޯސްތަކުގައި ކިޔަވައިދޭނީ، މިދާއިރާތަކުން ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މީހުން. ދަރިވަރުންނަށް ހުނަރު އުނގަންނައިދިނުމުގެ އިތުރުން ޢަމަލީ ގޮތުން ތަޖްރިބާ ހޯދުމުގެ ފުރުޞަތު މި ކޯސްތަކުގެ ތެރެއިން ފޯރުކޮށްދީފައިވާނީ. އަޅުގަނޑުމެން އުންމީދުކުރި ވަރަށްވުރެވެސް ބޮޑު ތަރުޙީބެއް ލިބިއްޖެ މި އެކްސްޓަރވެގެންޒާއަށް. އެގޮތުން ބައެއް ކޯސްތަކުގެ ދެ ބެޗް ގެންގޮސްފައިވާއިރު އިތުރު ބެޗްތަކެއް ކުރިއަށްގެންދިއުމަށްވެސް އަޅުގަނޑުމެންގެ ކިބައިން އެދިފައިވަނީ." އެމްއެމްއައިގެ ޑިރެކްޓަރ ވިދާޅުވިއެވެ.

އެމްއެމްއައިއިން މީޑިއާއާއި ކްރިއޭޓިވް އިންޑަސްޓްރީއަށް މީހުން ތަމްރީނު ކުރުމަށް އެކި ލެވެލްގެ ކޯސްތައް ހިންގަމުން އަންނައިރު، މެލޭޝިޔާގެ ލިމްކޮކްވިންގ ޔުނިވަރސީޓީގެ ޑިޕްލޮމާ އަދި ސެޓްފިކެޓް ލެވަލްގެ ކޯސްތައްވެސް މިހާރު އެ އިންސްޓިޓިއުޓުން ވަނީ ފަށާފައެވެ.