ޚަބަރު

ބޭރަށްހިންގުމާއި ޑެންގީހުން ފެތުރޭތީ ސަމާލުވުމަށް އިލްތިމާސްކޮށްފި


ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭރަށް ހިނގުމާއި ޑެންގީހުން އިތުރުވަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސަބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ 2 ހަފްތާގެ ތެރޭގައި ބޭރަށްހިނގުމުގެ އެއްހާސް ހަސަތޭކަ ފަސްދޮޅަސް ހަ ކޭސް ރިޕޯޓުކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 5 އިންސައްތަ އިތުރު އަދަދެކެވެ. އަދި ޑެނގީހުމުގެ 186 ކޭސް ފާއިތުވި 2 ހަފްތާތެރޭގައި ރިޕޯޓުކޮށްފައިވާއިރު މިއީ ވޭތުވެދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 6 އިންސައްތައް އިތުރު އަދަދެކެވެ.

އެޗްޕީއޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކޮންމެ އަހަރެއްގެވެސް މިދުވަސްވަރާ ދިމާކޮށް ބޭރަށްހިންގުމާއި، ރޯގާއާއި، ހުން ފެތުރޭ މިންވަރު އިތުރުވާކަމަށާއި މިކަމަށް ހުރިހާ ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކުރާކަމަށެވެ.

ބޭރަށްހިންގުން ފެތުރެން އާއްމުކޮށް މެދުވެރިވަނީ ކާބޯތަކެތީގެ ޒަރިއްޔާއިން ނުވަތަ ބަލިޖެހިފައިވާ މީހުންގެ ފަރާތުންކަމަށް ވާތީ ކާބޯތަކެތި ބޭނުންކުރުމުގައި ސަމާލުވުމަށާއި، ގިނައިން މީހުން އެއްވާ ތަންތަނަށް ނުދިޔުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި ރައްކާތެރިކަމާއެކު ބޯފެން ބޭނުންކުރުމަށާއި ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުމަށްވެސް އެ އޭޖެންސީން އިލްތިމާސްކުރެއެވެ.

ބޭރަށްހިންގުމުގެ އިތުރުން ޑެންގީހުން ފެތުރޭ މިންވަރުވެސް އިތުރުވަމުންދާތީ މަދިރި އުފެދޭ ތަންތަން ނައްތާލުމަށާއި އާއްމު ސާފުތާހިރުކަމަށް މިދުވަސްވަރު ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މާލެއަށް މިދިޔަ ހަފްތާގައި ކުރި ވިއްސާރައިގެ ސަބަބުން ފެންހަރުލާފައި ހުންނާނެ ފަދަ ތަންތަން ސިޓީ ކައުންސިލާ ގުޅިގެން ބަލަމުންދާކަމަށެވެ. އެގޮތުން އާއްމު ފަރާތްތަކުން ހުށަހަޅާފައިވާ ތަފާތު ޝަކުވާތަކާ ގުޅިގެން އަލަށް އިމާރާތްކުރަމުންދާ 80 އަށްވުރެ ގިނަ ކޮންސްޓްރަކްޝަން ސައިޓްތައް ބަލައި މަދިރި އާލާވާގޮތަށް ހުރި ތަންތަނަށް ބޭސްޖަހާފައިވާކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.