ތަޢުލީމު

ޓީޗަރުންނަށް ރަށުގައި ތިބެގެން ޑިޕްލޮމާއަށް ކިޔެވުމުގެ ފުރުސަތު


މާލެއާއި އަތޮޅުތެރޭގައި ތިބި ޓީޗަރުންގެ ތެރެއިން ޑިޕްލޮމާ ފެންވަރަށް މަތީ ތަޢުލީމް ޙާސިލްކުރަން ބޭނުންވާ ޓީޗަރުންނަށް ޚާއްސަކޮށްގެން ފަށާ ޑިޕްލޮމާ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މަންދު ކޮލެޖުން ހުޅުވާލައިފިއެވެ.މަންދު ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން މަންދު ކޮލެޖުގެ ޗެއާރމަން އިބްރާޙީމް އިސްމާއިލް ވިދާޅުވީ، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދުމުގެ މަތިން މަންދު ކޮލެޖުން އިސްނަގައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ޓީޗަރުންގެ ފެންވަރު މަތިކުރުމަށް '' ކަނޑު ހުރަސްކޮށް ތައުލީމް ރަށަށް '' މި ޕްރޮގްރާމްގެ ދަށުން، އާ އޮނިގަނޑަށް އައި ބަދަލާ ގުޅިގެން ބާރަސަތޭކަ ޓީޗަރުން ޑިޕްލޮމާ ފެންވަރަށް ތަމްރީނު ކުރަންޖެހިފައިވާ ކަމަށެވެ.އިބްރާހީމް އިސްމާޢީލް ވިދާޅުވީ، ފެންވަރު މަތިކުރުމުގެ މިޕްރޮގްރާމްގައި ހިމެނެނީ ޑިޕްލޮމާއިން ޓީޗިންގ ކޯހާއި ޑިޕްލޮމާއިން ޓީޗިންގ އިސްލާމް، ދިވެހި، ޤުރުއާން ކޯސް ކަމަށެވެ.މިކޯހުގައި ބައިވެރިވާ ފަރާތްތަކުން ރަށުގައި އާއިލާއެކު ތިބެގެން ވަޒީފާގައި އުޅެމުންވެސް މިކޯސް ފުރިހަމަ ކުރެވޭނެ ކަމަށާއި، ރަށުގައި ތިބެގެން މިކޯސް ފުރިހަމަކުރެވޭނީ އުރީދޫގެ ތްރީޖީ ލިބޭ ރަށްރަށުގައި ކަމަށްވެސް މަންދު ކޮލެޖުން މަޢުލޫމާތުދެއެވެ.ކޯހުގެ ފީގެ ގޮތުގައި ކަނޑައަޅާފައިވަނީ މިހާރުވެސް އެކޮލެޖުގައި ކަނޑައަޅާފައިވާ އަގުތަކެވެ. ޑިޕްލޮމާ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ ނިޔަލަށް އެޕްލިކޭޝަން ފޯމް ހުށަހަޅަންޖެހޭ ކަމަށްވެސް މަންދު ކޮލެޖުން މައުލޫމާތު ދެއެވެ.