ތަޢުލީމު

އަހްމަދިއްޔާގެ ކުރިއެރުމަކީ މައްޗަންގޮޅީ ރައްޔިތުންގެ މަަސައްކަތް


އަހްމަދިއްޔާ ސްކޫލް އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުވުން
ރަސްމީކޮށް އިފްތިތާޙް ކޮށްފިއެވެ. އަހްމަދިއްޔާ، އިންޓަނޭޝަނަލް
ސްކޫލަކަށް ބަދަލުވުން އިފްތިތާޙްކޮށް ދެއްވީ އެސްކޫލްގައި ރޭ ބޭއްވި ޚާއްޞަ
ރަސްމިއްޔާތެއްގައި ރައީސުލް ޖުމުހޫރިއްޔާ އަބުދުﷲ ޔާމީން އަބްދުލް ޤައްޔޫމެވެ. އަހްމަދިއްޔާ
އިންޓަނޭޝަނަލް ސްކޫލްގައި މިކަމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސުލް ޖުމްހޫރިއްޔާވަނީ
އެސްކޫލްގެ ނަމާއި، މޮޓޯއާއި، ބެޖު ދައްކުވައިދޭ ޚާއްޞަ ބިނާ ހުޅުއްވައި ދެއްވާފައެވެ. އެއަށްފަހު
ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިވޭތުވެ
ދިޔަ ދުވަސްތަކުގައި މައްޗަންގޮޅީ ރައްޔިތުން އެސްކޫލް ކުރިއެރުވުމަށް
ކުރައްވާފައިވާ މަސައްކަތް ފާހަގަ ކުރައްވާފައެވެ. 
އެސްކޫލް ކުރިއެރުވުމަށް އަވަށު ރައްޔިތުން ބުރަ މަސައްކަތެއް ކުރެއްވި
ކަމަށާއި، އޭގެ ނަތީޖާ އެއްގެ ގޮތުން އެސްކޫލަށް ގިނަ ކުރިއެރުން ތަކެއް
ހޯއްދަވާފައިވާ ކަން ރައީސް ފާހަގަކުރެއްވިއެވެ. ރޭގެ ރަސްމިއްޔަތުގައި
ދަރިވަރުންނާއި މުޚާތަބުކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެއް ދާއިރާއަކުން
ދަރިވަރުން ކިޔެވުމުގެ ބަދަލުގައި ތަފާތު ދާއިރާ ތަކަށް ޝައުގުވެރިކަން
ބެހެއްޓުމަށް އެދިވަޑައިގެންފައެވެ. އަދި އިގްތިޞާދު ކުރިއަރައި ދާނީ އެގޮތުގެ
މަތިން ކަމަށާއި، ތައުލީމާއެކު ފަންނީ
މަސައްކަތަށްވެސް ދަރިވަރުން އަހުލުވެރިވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.މިވޭތުވެދިޔަ
ބައްތިރީސް އަހަރު ދުވަހުގެ ތެރޭގައި އަހްމަދިއްޔާ ސްކޫލަކީ ރާއްޖޭގެ ވަރަށް ގިނަ
ދަރިވަރުންގެ ޙަޔާތް ބާއްޖަވެރި ކުރައްވާފައިވާ ސްކޫލެއް ކަމަށާއި އެހެން ކަމުން
މިސްކޫލް ކުރިއެރުވުމަށް ޓަކައި ތަނަވަސް ބޭފުޅުންގެ އެހީތެރިކަން ބޭނުންވާކަމަށްވެސް
ރައީސް ޔާމީން ވިދާޅުވިއެވެ.ރައީސުލްޖުމްހޫރިއްޔާ
ޢަބުދުﷲ ޔާމީންގެ ވާހަކަފުޅުގައި އަހްމަދިއްޔާ ސްކޫލް ހޯދަމުން އަންނަ ކާމިޔާބީތައް
ފާހަގަކުރައްވާ، އެލިބޭ
ކަމިޔާބީތަކަށް އެމަނިކުފާނުވެސް ކޮންމެ އަހަރަކު އިންތިޒާރު ކުރައްވާ އެކަމަށް
އުފާކުރައްވާ ކަމަށް ވިދާޅުވިއެވެ. ދެހާސް ވަނަ އަހަރުން ފެށިގެން އަހްމަދިއްޔާ
އަންނަނީ ރާއްޖޭގެ ސްކޫލްތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ސްކޫލްތަކުގެ
ލިސްޓުން އެންމެ ކުރިން ޖާގަ ހޯދަމުންނެވެ.ރޭގެ ރަސްމިއްޔާތުގައި އަހްމަދިއްޔާ
އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދުގެ ވާހަކަފުޅުގައި އެސްކޫލުން
ލިބެންހުރި ޚިދުމަތްތަކަށް ކުރިއެރުން ގެނެސްފައިވާ ކަން ފާހަގަކުރެއްވި. އަދި
ސްކޫލްގައި ކުރިއަށްއޮތް ތަނުގައިއަރަބި، ޗައިނީސް
ބަސް ކިޔަވައިދެވި ދަރިވަރުންގެ ހުނަރު އިތުރުކުރެވޭނެ އެހެން ކަންކަން
ޤާއިމްކުރެވޭނެކަމަށް ވިދާޅުވިއެވެ.ޕްރީ ސްކޫލާއި، ސާނަވީ އަދި މަތީ ސަނަވިއަށް
ކިޔަވައި ދެމުންދާ އަހްމަދިއްޔާ ސްކޫލްގައި ދެހާހަށް ވުރެ ގިނަ ދަރިވަރުން
ތަޢުލީމް ހާޞިލް ކުރަމުންދޭ. އަދި ސަތޭކަ ފަންސާހަށް ވުރެ ޓީޗަރުން ކިޔަވައި ދިނުމުގައި
ޙަރަކާތްތެރިވެއެވެ. އަހުމަދިއްޔާއަށް ރައީސުލްޖުމްހޫރިއްޔާ
ކޮށްދެއްވި ޚިދުމަތްތައް ފާހަގަކޮށް، އެސްކޫލުން އެމަނިކުފާނަށް ރޭ ވަނީ ހަނދާނީ
ފިލައެއް އަރުވާފައެއެވެ. ރޭގެ ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރގެ އިތުރުން
ސަރުކާރުގެ ބައެއް އިސް ވެރިންނާއި އަހްމަދިއްޔާ ސްކޫލްގެ ޓީޗަރުންނާއި،
ދަރިވަރުންވެސް ބައިވެރިވެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އެސްކޫލްގެ
މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާ ޓީޗަރުނާއި ބައްދަލު ކުރައްވާފައެވެ.