ޚަބަރު

މަސްވެރިކަން ކުރިއަރުވައި މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން ކުރެވެންހުރި މަސައްކަތެއް ކުރާނެ- ރައީސް


ރާއްޖޭގެ މަސްވެރިކަން ކުރިއަރުވައި މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ.

ރައީސްގެ ޓްވީޓުގައި ވިދާޅުވެފައިވަނީ މަސްވެރިން ބާނާ މަހަށް އަބަދުވެސް ހަމަ އަގު ހޯދައިދޭނެ ކަމަށާއި ރާއްޖޭގައި މަސްވެރިކަން ކުރިއެރުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ސަރުކާރުން ކުރައްވާނެ ކަމަށެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ވީހާވެސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިއަހަރު ފާހަގަކުރާ 38 ވަނަ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ގއ.ގެމަނަފުށީގައެވެ. މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މިމަހުގެ 12 ވަނަ ދުވަހު ގެމަނަފުށީގައި ބާއްވާ ޚާއްޞަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގެންނެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައިވެސް ވަނީ ގިނަ ކަންތައްތަކެއް ހާސިލްކުރުމަށް ކަނޑައަޅާފައެވެ. އެގޮތުން މަސްވެރިންނަށް އަގުހެޔޮކޮށް ޑީސަލް ލިބޭނެ ގޮތާއި މަސްވެރިކަން ކުރިއެރުވުމަށް ބޭނުންވާ ލުއި ލޯނު ލިބޭނެ މަގު ތަނަވަސްކޮށްދިނުންފަދަ ކަންކަން ހިމަނާފައިވެއެވެ.