ޚަބަރު

މާފަންނު ސަހަރާގައި ކޮނެފައިވާ ވަޅުގަނޑަށް ފަސްއަޅަނީ


މެކޭނިކަލް ޕާކިން ސިސްޓަމެއް ބެހެއްޓުމަށް މާފަންނު ސަހަރާގައި ކޮނެފައިވާ ވަޅުގަނޑަށް ފަސް އަޅައިފިއެވެ. މާފަންނު ސަހަރާގައި ބޮޑު ވަޅުގަނޑެއް މިދިޔަ ސަރުކާރުން ކޮނެފައިވަނީ އެތަނުގައި ބެހެއްޓުމަށް ނިންމާފައިވާ މެކޭނިކަލް ޕާކިން ސިސްޓަމްގެ ފައުންޑޭޝަން އެޅުމަށެވެ.
މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުހަންމަދު ވިދާޅުވީ މި ވަޅުގަނޑު ހިއްކަން ޖެހިފައިވަނީ ކޮނެފައިވާތާ ގިނަ ދުވަސް ވުމުގެ ސަބަބުން ފެންގަނޑުގައި މަދިރި ފަނި އާލާވުމުގެ ސަބަބުން ކަމަށެވެ. އަދި މިކަމާއި ގުޅިގެން ގިނަ އަދަދެއްގެ އާންމު ރައްޔިތުންގެ ޝަކުވާ ލިބެމުން އަންނަ ކަމަށްވެސް ސިފާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބެލިއިރު އެޗްޕީއޭއިން އެ އަންނަނީ ގަވައިދުގެ ދަށުން ސްޕްރޭ ކުރަަމުން. އަދި މި ނޫނަސް މާލޭގައި އޯޕަންކޮށް ހުރި ފެންގަނޑުތަކަށް ސްޕްރޭ ކުރަމުން މިދަނީ" ސިފާ ވިދާޅުވިއެވެ.

ސިފާ ވިދާޅުވީ ސަހަރާގައި ކޮނެފައި ވަޅުގަނޑަށް ފަސްއަޅަމުންދަނީ ޕްލޭނިން މިނިސްޓްރީ އާއި ގުޅިގެން އިންޑަސްޓްރިއަލް ވިލެޖުން ވެލި ގެނެސްގެންކަމަށެވެ. އަދި މި މަސައްކަތް ހަފްތާއެއްގެ ތެރޭ ގައި ނިންމާލެވޭނެކަމަށްވެސް ސިފާ ވިދާޅުވިއެވެ.