ޚަބަރު

ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮތުމަށް އެމްޓީޑީން ދެކޮޅު


މޯލްޑިވްސް ތަރޑް ވޭ ޑިމޮކްރެޓްސް (އެމް.ޓީ.ޑީ)އިން އެއްވެސް ޙާލަތެއްގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ތާޢީދު ނުކުރާނެކަމަށް އެ ޕާޓީއިން ބުނެފިއެވެ.

އެމްޓީޑީ ޕާޓީ ރަޖިސްޓްރީކުރުމުގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޓީޑީ އުފެއްދުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ވިޔަފާރިވެރިން ޖަމިއްޔާގެ ރައީސް އިސްމާއީލް އާސިފް ރޭ ވިދާޅުވީ، ރާއްޖެ ފަދަ ކުޑަކުޑަ ޤައުމަކަށް ބަރުލަމާނީ ނިޒާމަކީ ރަނގަޅު ނިޒާމެއް ނޫން ކަމަށެވެ. އާސިފް ވިދާޅުވީ ޑިމޮކްރަސީ ވަރުގަދަ ކަމަށްބުނާ އެތައް ޤައުމެއްގައިވެސް ބަރުލަމާނީ ނިޒާމު ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ސާފުކޮށް ބުނަން ބޭނުން އަޅުގަނޑުމެން ތާޢީދެއް ނުކުރަން ރާއްޖޭގައި ބަރުލަމާނީ ނިޒާމަކަށް. ބަލަމާ ސްރިލަންކާގައިވެސް މި ނިޒާމުގެ މައްސަލަތަށް އެބަ ފެނޭ. އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަނީ ބިނާކުރަނިވި ފާޑުކިޔުންކިޔުމަށް. އަޅުގަނޑުމެން ނޫޅެން ސަރުކާރު ވައްޓާލާކަށް. އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ރަނގަޅުކަންތައްތަކެއް ކުރަމުންދާކަން އަޅުގަނޑުމެން ޤަބޫލުކުރަން." އާސިފް ވިދާޅުވިއެވެ.

އާސިފް ވިދާޅުވީ އެ ޕާޓީއަށް މިހާތަނަށް އައިރު ތިން ހާހަށްވުރެ ގިނަ މެމްބަރުން ރަޖިސްޓްރީވެފައުވާކަމަށާއި، މެމްބަރުންގެ ރަޖިސްޓްރީގެކަންކަން ކުރަމުންދަނީ ދެފުށްފެންނަ ގޮތެއްގައިކަމަށެވެ. ނަމަވެސް ޕާޓީ އުފެއްދުމަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިވަމުން އަންނަ ކަމަށްވެސް އާސިފް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ޕާޓީ ޅަފަތުގައި އޮށްވާ ޕާޓީގެ ނަން "ކިލަނބު" ކޮށްލުމަށް ބަޔަކު މީހުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ސިޔާސީ ދާއިރާއަކީ ވަކި ބަޔަކު އުޅުމަށް އޮންނަ ދާއިރާއެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ކޮރަޕްޝަނާއި ފަސާދަ އޮތް މިންވަރު ހާމަކުރައްވަމުން އާސިފް ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީގެ 3 މެމްބަރުން ފިޔަވާ ދެން ތިއްބެވި ހުރިހާ މެންބަރުންނަކީ ކޮރަޕްޝަންގެ ކަންކަމުގައި ޝާމިލުވެފައިވާ މެމްބަރުން ކަމަށެވެ. ރާއްޖޭގައި ކޮރަޕްޝަން ނައްތާލުމަށް އެންމެ ފުރަތަމަވެސް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރާނެ ޕާޓީއަކީ އެމްޓީޑީކަން އާސިފް ފާހަގަކުރެއްވިއެވެ.

އެމްޓީޑީއަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ އިދިކޮޅު ޕާޓީއެއް ނަމަވެސް އެ ޕާޓީއިން ރައީސް އިބްރާހިމް މުޙައްމަދި ޞާލިޙުގެ ސަރުކާރުން ކުރާ ރަނގަޅުކަންކަން ފާހަގަކުރާނެކަން އާސިފް ވިދާޅުވިއެވެ. ރައްޔިތުން ފޮނި އުއްމީދުތަކަކާއި އެކު ހޮވާ ވެރިއެއްގެ ވެރިކަން ވައްޓާލުމުގެ ބަދަލުގައި އެމްޓީޑީން އަބަދުވެސް މަސައްކަތް ކުރާނީ ބިނާކުރަނިވި ފާޑުކިޔުންތަކެއް ކިޔާ ރައްޔިތުންގެ ލާބަ އިސްކުރުން ކަމަށްވެސް އާސިފް ވިދާޅުވިއެވެ.